މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން 36 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި
15 ފެބްރުއަރީ 2026 - 09:30
މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާދީއްތަ ދުވަހު ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ) އެވެ.

Ad by Hajj Corporation
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބަލައި ފާސްކުރި މުދާތަކެއްގެ ތެރެއިން 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިގެން، އެ ތަކެތި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިއަދު ވަނީ އެ ދެ މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއާއި ފުލުހުން ގުޅިގެން އަންނަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.


