ހުޅުމާލޭގައި ޕިކަޕެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ
16 ފެބްރުއަރީ 2026 - 06:57

ހުޅުމާލެ ސަހަރާ ކައިރީގައި މަރާމާތުކުރަން އޮތް ޕިކަޕެއްގެ ދަށުވެ، ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަރާމާތު މަސައްކަތެއް ކުރުމަށް އޭގެ ދަށުގައި މީހަކު އޮއްވައި، ކުއްލިއަކަށް ޕިކަޕް އެ މީހާގެ ގައިމައްޗަށް ވެއްޓިގެންނެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ފެބުރުވަރީ 15 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:05 އެހާއިރުއެވެ.

Ad by Hajj Corporation
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ޕިކަޕް ދަށުވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށާއި، މިކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިފަދަ ނުރައްކާތެރި މަސައްކަތްތައް ކުރާއިރު، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.


