ކުޑަކުއްޖަކު ގްރޫމްކޮށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
16 ފެބްރުއަރީ 2026 - 07:27

ކުޑަކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފާޠިމަތު ރީމާ (35އ) އެވެ.

Ad by Hajj Corporation
އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 2025 ޑިސެމްބަރ 29 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ޖިންސީގޯނާގެ ޝިކާރައަކަށް ވެފައިވަނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި ރީމާ އެ ކުއްޖާ ގްރޫމްކޮށް، މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އެކްސްޕްލޮއިޓްކޮށްފައިވެއެވެ. މި މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހަށެވެ.
ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި، މިފަދަ ހަޑިމުދާ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


