ފަލަސްޠީނުގެ ބިންތައް ޔަހޫދީ ދައުލަތަށް ރަޖިސްޓްރީ ކުރަނީ
16 ފެބްރުއަރީ 2026 - 10:20

1967ވަނަ އަހަރު ފަލަސްޠީނުގެ ބިންތައް ޔަހޫދީން އިސްތިއުމާރުކުރި ފަހުން ފުރަތަމަ ފަހަރަށް، ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ސަރަޙައްދެއް ޔަހޫދީ ދައުލަތުގެ ނަން މައްޗަށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ޔަހޫދީ ސަރުކާރުން ނިންމައިފިއެވެ.
ޔަހޫދީ ސަރުކާރުގެ މި ނިންމުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އޭރިއާ ސީއަށެވެ. އޭރިއާ އޭއަކީ ފަލަސްޠީނުގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދަކަށް ވާއިރު، އޭރިއާ ބީއަކީ ފަލަސްޠީނުގެ މަދަނީ ބާރު އަދި ޔަހޫދީންގެ ސަލާމަތީ ބާރު ހިނގާ ސަރަޙައްދެކެވެ. ހުޅަނގު އައްސޭރީގެ 61 އިންސައްތައިގެ މައްޗަށް އެކުލެވިފައިވާ އޭރިއާ ސީއަކީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ.
ފަލަސްޠީނުގެ ބިންތަކުގެ ބޮޑު ސަރަޙައްދަކީ ރަޖިސްޓްރީކޮށްފައިވާ ސަރަޙައްދުތަކެއް ނޫނެވެ. ފަލަސްޠީނުގެ ބިން ރަޖިސްޓްރީ ކުރުމަކީ ދިގު އަދި އުނދަގޫ މަރުހަލާތަކެއް ހިމެނޭ ކަމެއް ކަމުން، 1967 ވަނަ އަހަރުން ފެށިގެން ޔަހޫދީން ވަނީ އެ މަސައްކަތް ހުއްޓާލައިފައެވެ. ބިން ރަޖިސްޓްރީކުރުމުން އެ ބިމަކީ ދާއިމީ ގޮތަކަށް އެބައެއްގެ މިލްކަކަށް ވާނެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ޤައުމެއް އިސްތިއުމާރުކޮށްފައިވާ ބަޔަކަށް އެ ސަރަޙައްދުގެ ބިމުގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ.
ފަލަސްޠީނުގެ ރައީސްގެ އިދާރާއިން ވަނީ ޔަހޫދީންގެ ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި ނުރުހުން ފާޅުކޮށްފައެވެ. ޔަހޫދީންގެ ނިންމުމަކީ ފަލަސްޠީނުގެ މައްސަލަ އިތުރަށް ގޯސްކުރާ ނިންމުމެއްގެ ގޮތުގައި ފަލަސްޠީނުގެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ. އަދި އެ ނިންމުން މީގެ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ޚިލާފުވާ ކަމަށާއި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާވެސް ޚިލާފުވާކަމަށް ފަލަސްޠީނު ސަރުކާރުން ބުނެފައިވެއެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވެސް ވަނީ ޔަހޫދީންގެ ނިންމުން ކުށްވެރިކޮށްފައެވެ. ޙަމާސުން ބުނީ އެއީ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ކުރާ މަސައްކަތެއް ކަމަށެވެ. ޔަހޫދީންނަކީ ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެފައިވާ ބައެއް ކަމަށް ފާހަގަކޮށް ޙަމާސުން އިތުރަށް ބުނީ އެ ނިންމުމަކީ އެެއްވެސް ޤާނޫނީ ބާރެއް އޮތް ބަޔަކު ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުމުގެ އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޤަރާރުތަކާ އެ ނިންމުން ޚިލާފުވާ ކަމަށް ޙަމާސުން ވެސް ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation


