މާދަމާއިން ފެށިގެން ޑޮމެސްޓިކް ޓަރމިނަލަކީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް!
16 ފެބްރުއަރީ 2026 - 12:07

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލް، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްއަށް ބަދަލުކުރުމަށް ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ވީއައިއޭގެ އައު ޓަރމިނަލްގެ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ގައި ހުޅުވުމާއެކު، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ ހުރިހާ ޚިދުމަތެއް އައު ޓަރމިނަލްއަށް ވަނީ ބަދަލުކޮށްފައެވެ.
ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް މިހާރުގެ ޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ. އެގޮތުން އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، މަރާމާތުކޮށް ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެމްއޭސީއެލްއިން ބުނީ، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްއަށް މިހާރުގެ ޑޮމެސްޓިކް ޓަރމިނަލްގެ ދަތުރުތައް މާދަމާ ބަދަލުކުރާނެކަަމަށެވެ.
ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުތައް ކުރަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި މަންޓާގެ އިތުރުން ވިލާ އެއަރ އިންނެވެ.


