ސަރުކާރަކާ ދެކޮޅު ބަޔަކު މާލޭ ސިޓީ ކައުންސިލަށް ހޮވުމަކީ ހިތި ތަޖުރިބާއެއް: މުސްތަފާ
17 ފެބްރުއަރީ 2026 - 05:12

މާލޭ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު އޮންނަ ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އުނދަގޫތަކަށް ހައްލު ހޯދުމަށްޓަކައި، ކުރިއަށް އޮތް ބައި-އިލެކްޝަންގައި ސިޓީ ކައުންސިލްގެ ގޮނޑިތައް ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފްވީ ފަހުން، ސަރުކާރާ އިދިކޮޅު ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ދިނުމަކީ ރައްޔިތުން ކުރާ "ހިތި ތަޖުރިބާއެއް"ގެ ގޮތުގައި މެންބަރު މުސްތަފާ ވަނީ ސިފަކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރާއި ކައުންސިލާ ދެމެދު އޮންނަ ދެބަސްވުންތަކުގެ ނޭދެވޭ އަސަރު ސީދާ ރައްޔިތުންނަށް ފޯރައި، ތަރައްގީގެ މަސައްކަތްތަކަށް ބުރޫއަރައެވެ.

Ad by Hajj Corporation
މިހާރުގެ އިދިކޮޅު މޭޔަރަށް ފާޑުވިދާޅުވަމުން މުސްތަފާ ތުހުމަތު ކުރެއްވި ގޮތުގައި، މޭޔަރު ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދެއްވައެވެ. ވަކިން ހާއްސަކޮށް، މާލޭގެ މަގުތައް މަރާމާތު ކުރުމުގެ މަޝްރޫއުތަކާއި ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ކައުންސިލުން ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ މާލޭގެ ތަރައްގީއަށްޓަކައި މުހިންމީ ސަރުކާރާ ގުޅިގެން، އެއް މިސްރާބަކަށް މަސައްކަތް ކުރާނެ މެންބަރުންތަކެއް ކައުންސިލްގައި ތިބުން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަކީ ސަރުކާރުގެ ސިޔާސަތުތައް މާލޭގައި ތަންފީޒު ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ.


