މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު އިންޓަމިލާން އާދައިގެ ޓީމެއްއަތުން ބަލިވެ، ޗެންޕިއަންސް ލީގުން ކުޓުމާއި ގާތަށް
19 ފެބްރުއަރީ 2026 - 05:52

ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފްގެ ފުރަތަމަ ލެގުގައި ނޯވޭގެ ބޯޑޯ/ގްލިމްޓުން އިޓަލީގެ ވަރުގަދަ އިންޓަރ މިލާން 3-1 އިން ބަލިކޮށް، މުބާރާތުގެ ގަދަ 16 އަށް ދިއުމުގެ އުންމީދު ބޮޑުކޮށްފިއެވެ. މި މެޗުގައި ބޯޑޯގެ ކެސްޕަރ ހޯގް ވަނީ އެއް ލަނޑު ޖަހައި، ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ބޯޑޯއަށް ކުރިހޯދައިދިނީ ސޮންޑްރޭ ފެޓްއެވެ. މިއީ ހޯގް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯ ވަނީ ލަނޑެއް ޖަހައި އިންޓަރއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އިންޓަރގެ މަޓެއޯ ޑާމިއަން އާއި ލައުޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާތައް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

Ad by Hajj Corporation
މެޗުގެ ދެވަނަ ހާފުގައި ބޯޑޯއިން ވަނީ ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. 61 ވަނަ މިނެޓުގައި ޖެންސް ޕެޓަރ ހައުގޭ ބޯޑޯގެ ދެވަނަ ލަނޑު ޖެހިއިރު، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ހޯގް ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މޮޅާއެކު ބޯޑޯ/ގްލިމްޓް ވެފައިވަނީ ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގައި ޖެހިޖެހިގެން ތިން މެޗުން މޮޅުވި ނޯވޭގެ ފުރަތަމަ ޓީމަށެވެ. މީގެ އިތުރުން ހޯގް ވެފައިވަނީ އިންޓަރއާ ދެކޮޅަށް ކުޅުނު ނޮކައުޓް މެޗެއްގައި ތިން ލަނޑުގައި ސީދާ ބައިވެރިވި ދެވަނަ ކުޅުންތެރިޔާއަށެވެ.
މި މެޗުގައި އިންޓަރއިން 15 ހަމަލާ އުފެއްދިއިރު، ބޯޑޯއަށް އުފެއްދިފައިވަނީ 8 ހަމަލާއެވެ. ނަމަވެސް ބޯޑޯގެ ފުރުސަތުތަކުގެ ބޭނުން އެޓީމުން ވަނީ ވަރަށް ފުރިހަމައަށް ހިފާފައެވެ. މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އިންޓަރގެ ދަނޑުގައެވެ.
މިއީ މިދިޔަ އަހަރުގެ ޗެންޕިއަންސް ލީގުގެ ސެމީގައި ބާސެލޯނާ ބަލިކޮށް ފައިނަލް ކުޅުނު އިންޓަރ މިލާބް އަށް ލިބުނު ވަރަށްވެސް ހައިރާން ކުރުމަނިވި ނަތީޖާއެކެވެ.


