ޕާމާ ބަލިކޮށް އިންޓްމިލާނުން އިޓާލިއަން ލީގު 21 ވަނަ ފަހަރަށް އުފުލާލައިފި
4 މޭ 2026 - 03:48

ސެން ސީރޯގައި ރޭ ކުޅުނު މެޗުން ޕާމާގެ މައްޗަށް 2-0 އިން ކުރިހޯދައި، އިޓަލީ ލީގުގެ ތަށި އިންޓަރ މިލާނުން ކާމިޔާބުކޮށްފިއެވެ. މިއީ އެ ކްލަބުން އިޓަލީގެ އެންމެ ޝަރަފުވެރި ލީގު ތަށި ކަމަށްވާ ސްކުޑެއްޓޯ ކާމިޔާބުކުރި 21 ވަނަ ފަހަރެވެ.
ލީގު ތަށި ކަށަވަރުކުރުމަށް އިންޓަރއަށް މި މެޗުން ބޭނުންވީ އެންމެ ޕޮއިންޓެކެވެ. އެއީ ތާވަލުގެ ދެވަނައިގައި އޮތް ނަޕޯލީން ހޮނިހިރު ދުވަހު ކޯމޯއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމާ ގުޅިގެންނެވެ. ނަމަވެސް އިންޓަރއިން ވަނީ މާކަސް ތުރާމް އާއި ހެންރިކް މިޚިތާރިއަންގެ ލަނޑުތަކާއެކު މެޗު ކާމިޔާބުކޮށް، ލީގު ނިމެން ތިން މެޗު ބާކީ އޮއްވައި ތަށި އުފުލާލާފައެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ހާފުގައި އިންޓަރއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން 10 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރީސް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލާ އިންޗިއެއްހާ ބޭރުން ދިޔައިރު، 25 ވަނަ މިނެޓުގައި ނިކޯލޯ ބަރެއްލާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ. އިންޓަރއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ޕިއޮޓްރް ޒިއެލިންސްކީ ދިން ބޯޅައަކުން ތުރާމް ވަނީ ޕާމާގެ ކީޕަރު ޒިއޯން ސުޒުކީއަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނެޓަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މިޚިތާރިއަން ވަނީ އިންޓަރގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ ފަހުކޮޅު ޕާމާގެ ނެސްޓާ އެލްފޭޖް ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަތްއިރު، އިންޓަރގެ ފްރަޓޭސީއަށް ލިބުނު ފުރުސަތު ޕާމާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މިއީ އިންޓަރއިން ލީގު ނިމެން ތިން މެޗު ނުވަތަ އެއަށްވުރެ ގިނަ މެޗު ބާކީ އޮއްވައި ސްކުޑެއްޓޯ ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އަދި މިއީ ޕާމާއާ ދެކޮޅަށް އެޓީމުން ބަލިނުވެ ފުރިހަމަކުރި ނުވަވަނަ މެޗެވެ. ލަނޑު ޖެހި ތުރާމް ވަނީ އޭޕްރީލް މަހުން ފެށިގެން މިހާތަނަށް ލީގުގައި 8 ލަނޑުގައި (6 ލަނޑު، 2 އެސިސްޓް) ސީދާ ގޮތުން ބައިވެރިވެފައެވެ. މިއީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ އެހެން އެއްވެސް ކުޅުންތެރިއަކަށް މި މުއްދަތުގައި ކުރެވިފައިވާ ކަމެއް ނޫނެވެ.
މި ސީޒަނުގައި ތުރާމް ޖެހި 13 ވަނަ ލަނޑާއެކު، އޭނާ ވެފައިވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގައި ޖެހިޖެހިގެން ތިން ސީޒަނުގައި އެއް ކްލަބަކަށް 13 ލަނޑު ހަމަކުރި ފަސްވަނަ ކުޅުންތެރިއާއަށެވެ. މި ލިސްޓުގައި ދެން ހިމެނެނީ ރޮބާޓް ލެވަންޑޯސްކީ، އަންޓޭ ބުޑިމިރް، އާލިން ހާލަންޑް އަދި ހެރީ ކޭން އެވެ.


