ލަފާދޭ ކޮމިޓީތަކަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި
22 ފެބްރުއަރީ 2026 - 17:48

ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް ސަރުކާރުން އެކުލަވާލާ ތިން ކޮމިޓީއަކަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ރައީސް އޮފީހުން ދީފިއެވެ.
އަލަށް އެކުލަވާލާ ކޮމިޓީތަކަކީ ސަރުކާރުގެ މުހިންމު ތިން ސިނާއަތެއްގެ ކުރިއެރުމަށާއި، އެ ދާއިރާތައް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ކޮމިޓީތަކެކެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މިހިނގާ ސަރުކާރުން އެކުލަވާލުމަށް ނިންމާފައިވާ މި ތިން ކޮމިޓީއަކީ:
- ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ: ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް.
- ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ: އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކުރުމަށް.
- ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ: މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ކުރިއެރުވުމަށް.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ، މި ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗް ތިން ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅޭނެއެވެ.
މި ކޮމިޓީތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ މެންބާޝިޕް ފޯމާއި، ކުށާއި ދަރަނީގެ ރިކޯޑް ފޯމުތައް މިހާރު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި ރައީސް އޮފީހުގެ ރިސެޕްޝަނުންވެސް މި ފޯމުތައް ލިބެން ހުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.


