ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗަށްވެސް ވަޒީފާ ހޯދައިދޭނެ
24 ފެބްރުއަރީ 2026 - 05:32

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބެޗްގެ ބައިވެރިންގެ ތަމްރީންތައް ނިމެންވާއިރަށް އެމީހުންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރު އިފްތިތާޙުކޮށްދެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 344 ޒުވާނުން ދަސްވެނިވެފައި ވެއެވެ. މީގެތެރެއިން ހޮވުނު 65 ޒުވާނުންވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ފަށާފައެވެ.

Ad by Hajj Corporation
މިދިޔަ މަހުގެ 31 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 350 ދަރިވަރުން އަންނަނީ ތަމްރީން ފުރިހަމަކުރަމުންނެވެ. އެއީ 286 ފިރިހެން ދަރިވަރުންނާއި އަދި 64 އަންހެން ދަރިވަރުންނެވެ.
ދަސްވެނިވި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުތަކަށް ނުހޮވޭ ކުދިން، އެ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން ސަރުކާރުން ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ. އެގޮތުން، 171 ކުދިން އެމްއެންޑީއެފަށް، އަދި 7 ކުދިން އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަނުންނަށް ވަނީ ހަމަޖައްސާފައެވެ. އަދި 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ވަޒީފާދީފައިވާއިރު 23 ކުދިންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަދި 5 ކުދިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ.
މީގެ އިތުރުން 3 ކުއްޖަކަށް އެމްއޭސީއެލްއިންވެސް ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ. އަދި ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަން ބޭނުންވި 38 ކުދިންނަށް ސަރުކާރުން ވަނީ އެ ފުރުޞަތު ދީފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ހަމައެކަނި އަސްކަރީ ޕްރޮގްރާމެއް ނޫންކަމަށާއި މިއީ ޒުވާނުންނަށް އެކި ދާއިރާތާކަށް ލޯ ހުޅުވާލަދީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއްކަމަށެވެ.
ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުން ދަސްވެނިވެގެން ނުކުންނާނީ ޤައުމަށް ޚިދުމަތްކުރާ، މުޖުތަމަޢު ޤަބޫލުކުރާ އުޞޫލުތަކާއި މިންގަނޑުތަކުގެތެރޭގައި އުފެދިގެން އަންނަ ޖީލެއްކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުން ދަސްވެނިވި ޒުވާނުންނަށް ވަޒީފާ ހަމަޖައްސައިދިން އުޞޫލުން މިހާރު ތަމްރީނުތައް ފުރިހަމަކުރާ ދަރިވަރުންނަށްވެސް އެ ފުރުޞަތު ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރު ތަމްރީނު ފުރިހަމަކުރަމުން އަންނަ 350 ބައިވެރިންގެ ތަމްރީނުތައް ނިމެންވާއިރަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ތެރޭގައި އިތުރު 1,000 ޒުވާނުންނަށް ދިވެހި ވަޠަނީ ޙަރަކާތުގެ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.


