ބާޒާރުގައި އޮރެންޖުގެ އަގު އަތްނުފޯރިނަމަވެސް އެސްޓީއޯ ތަފާތު!
24 ފެބްރުއަރީ 2026 - 06:44

ބާޒާރުގައި އޮރެންޖުގެ އަގު އުފުލުނުނަމަވެސް އެސްޓީއޯއިން ހެޔޮ އަގުގައި އޮރެންޖު ލިބޭނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން ބުނެފިއެވެ.
ބާޒާރުގެ އެކި ގޮޅިތަކުގައި އޮރެންޖުގެ އަގު އުފުލިފައިވުމާއެކު ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ، ބާޒާރުގެ ބައެއް ގޮޅިތަކުގައި އޮރެންޖުގެ އަގު ބޮޑުވެފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާކަމަށާއި، ނަމަވެސް އެސްޓީއޯ އިން އޮރެންޖުގެ އަގު އެއްވަރެއްގައި ހިފަހައްޓާފައިވާކަމަށެވެ.
އެސްޓީއޯއިން އޮރެންޖު ކިލޯއެއް މިހާރު ވިއްކަނީ 40ރ. ގެ ރޭޓުންނެވެ. މިއާއެކު ވަކިން އޮރެންޖެއްގެ އަގު އުޅެނީ 5.7ރ. އާއި 6.7ރ. ދެމެދުގައެވެ. އެސްޓީއޯއިން ބުނިގޮތުގައި ބާޒާރުގައ އޮރެންޖުގެ އަގު ބޮޑުވެފައިވީ ނަމަވެސް، ލަސްވެފައިވާ ޝިޕްމަންޓުތައް ކްލިއަރވެ ބާޒާރަށް ނެރެން ފެށުމާއެކު، އޮރެންޖްގެ އަގު މިހާރު ވަނީ ދަށްވާން ފަށާފައެވެ.
އޮރެންޖު ހުރި ގިނަ ކޮންޓެއިނަރުތަކެއް މިހާރު ވަނީ އަމިއްލަ އިމްޕޯޓަރުންނަށް ދޫކޮށްފައިކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި އޮރެންޖު ލިބުން އިތުރުވެ، ބައެއް ވިޔަފާރިވެރިން މިހާރުވެސް އަގު ދަށްކުރަން ފަށާފައިވާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އަގު އިތުރަށް ހެޔޮވާނެކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ، އޮރެންޖުގެ އަގަށް އައި ބަދަލަކީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ދިމާވި ކަމެއްކަމަށެވެ. އެގޮތުން، ސްރީލަންކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ ގެނައުމުގައި ލަސްތަކެއް ދިމާވިކަމަށާއި މީގެ އިތުރުން، މިސްރާއި ދެކުނު އެފްރިކާ ފަދަ އޮރެންޖު އެކްސްޕޯޓްކުރާ ގައުމުތަކުން މުދާ ލިބުން ދަތިވުމާއި، އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމުގެ އިތުރުން، ކޭޕް އޮފް ގުޑް ހޯޕް މަގުން އުޅަނދުފަހަރު ދަތުރުކުރަން ޖެހުމުގެ ސަބަބުން މުދާ ލިބުމަށް ހޭދަވާ ވަގުތު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
މިހާރު އޮރެންޖު ސަޕްލައި އާންމު ހާލަތަކަށް ރުޖޫއަވަމުންދާތީ، އަގު އިތުރަށް ހަމައަކަށް އެޅޭނެ ކަމަށް ލަފާކުރެވޭކަމަށާއި އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަސާސީ ކާބޯތަކެތި ލިބޭކަން ކަށަވަރުކުރުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި އެސްޓީއޯ އަދި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކުން ބާޒާރުގެ އަގުތައް މޮނިޓަރ ކުރަމުން އަންނަކަމަށްވެސް އެސްޓީއޯއިން ބުންޏެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ދަނީ އަސާސީ މުދަލުގެ ޝިޕްމަންޓްތައް ދުވަހުން ދުވަހަށް ކްލިއަރ ކުރުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދީގެން ކުރަމުންނެވެ.
އޮރެންޖު ހިމެނޭހެން އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ 26 ބާވަތުގެ ތަކެތި މާލެ ސަރަހައްދުގައި ޤާއިމްކޮށްފައިވާ އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، އެސްޓީއޯ ހޯލްސޭލްސް ނޯތު ހާބަރު، އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖު، އެސްޓީއޯ ވިލިމާލެ ފިހާރަ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލެއިން މިހާރު ލިބެން ހުންނާނެއެވެ.

Ad by Hajj Corporation


