ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް "އެއްކަލަ ބޫ" ހޯދަނީ
24 ފެބްރުއަރީ 2026 - 10:31

ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު (ބޫގާ) ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ހ. ފިލިކުރިގޭ، އުމުރުން 51 އަހަރުގެ އާމިރު ހޯދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

Ad by Hajj Corporation
އޭނާ ހޯދަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވޭތީ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
ފުލުހުން ވަނީ އަންނަ މާޗް 10 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް އާމިރު ހާޒިރުވާން އަންގައި އިއުލާނުކޮށްފައެވެ.
ޓިކްޓޮކްގައި ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅެމުން އަންނަނީ ރާއްޖެއިން ބޭރު މީހަކާ އިނދެގެން އެ ގައުމުގައެވެ. ނަމަވެސް ދޭތެރެއިން ރާއްޖެ އަންނަ ކަމަށް ވެއެވެ.
ޓިކްޓޮކްގައި އާމިރު ދަނީ އިސްލާމްދީނަށް ހަޖޫޖަހައި، ދީނާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ މުސްލިމް ފިރިހެނުން ހިތާނު ކުރަން ނުޖެހޭ ކަމަށް ބުނެ ވެސް ވާހަކަ ދައްކައިފައެވެ. އަދި ބުރުގާއަށް ކުޑައިމީސްކޮށް ވާހަކަދައްކާފައިވެއެވެ.


