ރެއާލް ސިޓީ އާއި ޖެހިޖެހިގެން 5 ވަނައަހަރު ކުރިމަތިލާއިރު، އަނެއްކާވެސް ބާސެލޯނާއަށް ފައިނަލަށް ދިޔުމަށް ފަސޭހަމަގެއް
27 ފެބްރުއަރީ 2026 - 12:12

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރުއަތުލުން މިއަދު ނިންމާލާފައިވާއިރު، މުބާރާތުގެ ފައިނަލާ ހަމައަށް ދިއުމަށް ގަދަފަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މުބާރާތުގެ އާ ފޯމެޓާއެކު ކޮންމެ ކްލަބަކަށްވެސް ކުރިމަތިލާންޖެހިދާނެ ޓީމުތައް ކުރިން އެނގުނު ނަމަވެސް، ބްރެކެޓްގެ ފައިނަލް މަގާމުތައް ކަނޑައެޅިގެން ދިޔައީ މި ގުރުއަތުލުމުގެ ތެރެއިންނެވެ.
މި ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ތާވަލުކުރެވިފައިވަނީ އަންނަ މާޗް މަހުގެ 10 އަދި 11 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މާޗް މަހުގެ 17 އަދި 18 ވަނަ ދުވަހުއެވެ. މިއީ މުބާރާތުގެ ތަށި ހޯދުމަށް ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ޓީމުތަކަށް އެއްވެސް ގޯހެއް ހެދެން ނެތް ވަރުގަދަ ބުރަކަށް ވެގެންދާނެއެވެ.

Ad by Hajj Corporation

މިފަހަރުގެ ގުރުއަތުލުމުން ފެނިގެންދިޔަ ގޮތުގައި، ގިނަ ހައި-ލެވެލް ކުރިމަތިލުންތަކެއް މި ބުރުގައި ފެނިގެންދާނެއެވެ. މުބާރާތުގެ އާ އުސޫލުތަކުގެ ދަށުން ޓީމުތައް ބެހިފައިވާ ގޮތުން، ކޮންމެ މެޗަކީވެސް ފޯރިގަދަ އަދި ވާދަވެރި މެޗަކަށް ވާނެކަމަށް ބެލެވެއެވެ.
ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު މިމުބާރާތުގައި ފާއިތުވެދިޔަ ހަތަރު އަހަރުވެސް ކުރިމަތިލާފައިވާ ރެއާލް މެޑްރިޑްއާއި ސިޓީގެ ކުރިމަތިލުމެއް އަނެއްކާވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން މިދިޔަ އަހަރުވެސް ފައިނަލުގެ ޖާގައެއް ހޯދުމަށް ވަރަށް ފަސޭހަ މަގެއް ލިބުނު ބާސެލޯނާ ފައިނަލަށް ދިޔުމަށް މިއަހަރުވެސް މިވަނީ ފަސޭހަމަގެއް ހުޅުވިފައެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް މުބާރާތުގެ ނޮކްއައުޓް ބުރުގެ ފޯރި ގަދަވަމުންދާއިރު، ހުރިހާ ޓީމުތަކަކުންވެސް މިހާރު އަންނަނީ މާޗް މަހު އޮންނަ މެޗުތަކަށް ތައްޔާރުވަމުންނެވެ. މި ބުރުން މޮޅުވާ ޓީމުތަކަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.


