2 އަހަރުތެރޭ 9 ރަށުގައި އަންހެނުންގެ ޑޮކްޓަރުން، 6 ރަށެއްގައި އެތެރެހަށީގެ ޑޮކްޓަރުން
28 ފެބްރުއަރީ 2026 - 06:31

ފާއިތުވި 2 އަހަރުތެރޭގައި 9 ރަށެއްގައި މުޅިން އަލަށް އަންހެނުންނަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް، އަދި 6 ރަށެއްގައި މުޅިން އަލަށް އެތެރެހަށީގެ ޑޮކްޓަރުންގެ ޚިދުމަތްދޭން ފަށާފައިވާކަމަށް ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.
މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންގެންދާ މުހިންމު މަސައްކަތެކެވެ. އެގޮތުން ފާއިތުވި 2 އަހަރު ތެރޭގައި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި މުހިންމު ޚިދުމަތްތަކެއް ވަނީ ފަށާފައެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ މާލެ ސަރަހަައްދުން ލިބޭ ކޮންމެ ޚިދުމަތެއް އަތޮޅުތެރެއިންވެސް ލިބޭނެ މަގު ފަހިކުރުމެވެ. އެގޮތުން މާލެ ސަރަހައްދަށް ބަރޯސާވުން ކުޑަކޮށް އަމިއްލަ ރަށުގައި ހުރެގެން ނުވަތަ އެންމެ ކައިރި ހޮސްޕިޓަލަކުން ބޭނުންވާ ފަރުވާގެ ނިޒާމު ހޯދާދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. ޞިއްޙީ ވުޒާރާއިން ވިދާޅުވީ ފާއިތުވި 2 އަހަރު ތެރޭގައި މުޅިން އަލަށް 9 ރަށެއްގައި ގައިނަކޮލޮޖިސްޓުންގެ ޚިދުމަތް ނުވަތަ އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ފަށާފައިވާކަމަށެވެ.
ގައިނަކޮލޮޖިސްޓުންގެ ޚިދުމަތް ފެށި 9 ރަށް:

Ad by Hajj Corporation
* ށ.މިލަންދޫ ޞިއްޙީ މަރުކަޒު
* ށ.ކަނޑިތީމު ޞިއްޙީ މަރުކަޒު
* ށ.ކޮމަންޑޫ ޞިއްޙީ މަރުކަޒު
* އދ.މާމިގިލި ޞިއްޙީ މަރުކަޒު
* ނ.ވެލިދޫ ޞިއްޙީ މަރުކަޒު
* ތ.ތިމަރަފުށި ޞިއްޙީ މަރުކަޒު
* ތ.ވިލުފުށި ޞިއްޙީ މަރުކަޒު
* ބ.ތުޅާދޫ ޞިއްޙީ މަރުކަޒު
* ރ.މީދޫ ޞިއްޙީ މަރުކަޒު
އަންހެނުންގެ ޑޮކްޓަރުންގެ ޚިދުމަތުގެ އިތުރުން ފާއިތުވި 2 އަހަރުތެރޭގައި މުޅިން އަލަށްވަނީ 6 ރަށެއްގައި އިންޓަރނަލް މެޑިސިން ނުވަތަ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތްވެސް ދޭން ފަށާފައެވެ.
އެތެރެހަށީގެ ޑޮކްޓަރުންގެ ޚިދުމަތް ދޭންފެށި ރަށްތައް:
* ށ.ފޯކައިދޫ ޞިއްޙީ މަރުކަޒު
* ނ.ވެލިދޫ ޞިއްޙީ މަރުކަޒު
* ނ.ހޮޅުދޫ ޞިއްޙީ މަރުކަޒު
* ރ.މީދޫ ޞިއްޙީ މަރުކަޒު
* ބ.ދަރަވަންދޫ ޞިއްޙީ މަރުކަޒު
* އާމިނާދިއޯ ޞިއްޙީ މަރުކަޒު
މި ޚިދުމަތްތަކުގެ އިތުރުން ޑަޔަލިސިސްގެ ޚިދުމަތް އަތޮޅު ތެރެއަށް ފުޅާ ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު އެކަށައެޅުއްވި ސިޔާސަތުގެ ދަށުން މި ސަރުކާރުން މުޅިން އަލަށް 10 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތްދޭން ފަށާފައިވެއެވެ. އަދި މިއަހަރު ނިމުގެ ކުރިން، ލެބޯރެޓަރީ ނެތް 76 ރަށެއްގައި ލެބޯޓަރީ ޤާއިމުކުރުމަށް ކުރެވިގެންދާ މަސައްކަތުގެ ތެރެއިން، ފެބުރުވަރީ 18 ގެ ނިޔަލަށް 11 ރަށެއްގައި ލެބޯޓަރީ ޤާއިމުކުރެވި ޚިދުމަތް ދޭން ވަނީ ފަށާފައެވެ.


