ބަދުރުގެ ދުވަހުގެ އެންމެ މަތިވެރި ފިލާވަޅު: ނަޞްރުދެއްވުން ވަނީ ﷲ އަށް ވަކީލުކުރާ މީހުންނަށް
7 މާރިޗު 2026 - 12:40

ރަމަޟާން މަހަކީ، އެތައް ޢިބުރަތަކާއި ދަރެހަކުން ފުރިގެންވާ މަހެކެވެ. ފުއްސެވުމާއި ރުއްސެވުމުގެ މަހެކެވެ. ތާރީޚީ ގޮތުން ބަލާއިރު، މުސްލިމުންނަށް އެތަކެއް ކާމިޔާބީއެއް ޙާޞިލުވެފައިވާ މަހެކެވެ. މައްކާ ފަތަޙަކުރެވުނު މަހެވެ. ކީރިތި ޤުރްއާން ބާވައިލެއްވުނު މަހެވެ. މީގެ އިތުރުން، ބާޠިލާއި ދެކޮޅަށް މުސްލިމުން ހޯދި އެންމެ ފުރަތަމަ ކާމިޔާބީ ކަމަށްވާ، ބަދުރު ހަނގުރާމަ ހިނގައިދިޔަ މަސްވެސްމެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ (އާލް ޢިމްރާން 123)

Ad by Hajj Corporation
މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރި ވުމަށްޓަކައެވެ."
މި އާޔަތުންވެސް ދޭހަކޮށްދޭ ގޮތުގައި، ކާފިރުންގެ ލަޝްކަރާއި އަޅާބަލާއިރު މުސްލިމުންގެ ލަޝްކަރުގައި އެކުލެވުގެންވީ މަދު މީސްކޮޅެކެވެ. ލަޝްކަރުތަކުގެ ޢަދަދަށް ބަލާއިރު، މައްކާގެ މުޝްރިކުން އެދުވަހު ހަނގުރާމައަށް ނުކުތީ 700 ޖަމަލާއި 100 އަހާއެކު 1000 ހަނގުރާމަވެރީންނެވެ. މިއާއި ޚިލާފަށް، މުސްލިމުންގެ ލަޝްކަރުގައި އެކުލެވިގެންވީ އެންމެ ދެއަހާއި 70 ޖަމަލާއެކު 313 އެއްހައި މުޖާހިދުންނެވެ.
ނަމަވެސް، ކާމިޔާބީއަކީ ލަޝްކަރުގެ ބިޔަކަމުން ލިބޭ އެއްޗެއް ނޫނެވެ. ނަޞްރަކީ، ﷲ ތަޢާލާ އިރާދަކުރައްވާ މީހަކަށް ދެއްވާ އެއްޗެކެވެ. މި ޙަޤީޤަތް ބަޔާންކުރައްވާ، ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ الْعَزِيزِ الْحَكِيمِ (އާލް ޢިމްރާން 127)
މާނައީ: "عزيز ވަންތަ، حكيم ވަންތަ، اللَّه ގެ حضرة ން މެނުވީ، نصر ލިބުމެއް ނުވެއެވެ."
ޢަދަދުގެ ގޮތުން ކިތަންމެ މަދު މީސްކޮޅެއް ނަމަވެސް، އެދުވަހު މުސްލިމުން ދެއްކި ސާބިތުކަމާއި ހިތްވަރަކީ އޭގެން އަހަރުމެން އެންމެން ނަމޫނާ ލިބިގަންނަންޖެހޭ ކަމެކެވެ. ވަކީން ޚާއްޞަކޮށް، ބިރުވެރިކަމާއި ނާމާންކަމުގެ ތުންފަތްމަތީގައި ހުންނަވާ، މާތް ނަބިއްޔާ صلى الله عليه وسلم ދެއްކެވި ސާބިތުކަމަކީ، ކޮންމެ މުސްލިމަކަށް، ވަކީން ޚާއްޞަކޮށް ކޮންމެ މުސްލިމް ވެރިއަކަށްވާ ނަމޫނާއެކެވެ. ދުޝްމިނުންގެ ލަޝްކަރުގެ ބިޔަކަމާއި، އެކަލޭގެފާނުގެ ލަޝްކަރުގެ މަދުކަން ފެނިވަޑައިގަތް ހިނދު އެކަލޭގެފާނު ޢަމަލުކުރެއްވި ގޮތް، ޞަޙީޙް މުސްލިމްގެ ޙަދީޘް ނަންބަރު 1763 ގައި އައިސްފައި ވެއެވެ.
عَبْدُ اللَّهِ بْنُ عَبَّاسٍ قَالَ حَدَّثَنِي عُمَرُ بْنُ الْخَطَّابِ قَالَ لَمَّا كَانَ يَوْمُ بَدْرٍ نَظَرَ رَسُولُ اللَّهِ صلى الله عليه وسلم إِلَى الْمُشْرِكِينَ وَهُمْ أَلْفٌ وَأَصْحَابُهُ ثَلاَثُمِائَةٍ وَتِسْعَةَ عَشَرَ رَجُلاً فَاسْتَقْبَلَ نَبِيُّ اللَّهِ صلى الله عليه وسلم الْقِبْلَةَ ثُمَّ مَدَّ يَدَيْهِ فَجَعَلَ يَهْتِفُ بِرَبِّهِ " اللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي اللَّهُمَّ آتِ مَا وَعَدْتَنِي اللَّهُمَّ إِنْ تَهْلِكْ هَذِهِ الْعِصَابَةُ مِنْ أَهْلِ الإِسْلاَمِ لاَ تُعْبَدْ فِي الأَرْضِ " .
މާނައީ: "ޢަބްދުﷲ ބިން ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. ޢުމަރު ބިން އަލް ޚައްޠާބު رضى الله عنه، ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. ބަދުރުގެ ދުވަހު، މާތް ނަބިއްޔާ صلى الله عليه وسلم މުޝްރިކުންނަށް ބައްލަވާލެއްވި ހިނދު، އެއުރެންގެ ޢަދަދު 1،000 ކަމުގައި، އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ ޢަދަދު 319 ކަމުގައި ދެކެވަޑައިގަތް ހިނދު، ޤިބުލައަށް ކުރިމަތިލައްވާ ދުޢާކުރެއްވިއެވެ. (ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާއަށް އިބަﷲ ވަޢުދުވެވަޑައިންނެވި ކަންތައްތައް ފުރިހަމަ ކޮށްދެއްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މުސްލިމުންގެ މި މަދު މީސްކޮޅު ހަލާކުވެގެން ހިނގައްޖެނަމަ މި ބިންމަތީގައި އިބަ ﷲ އަށް އަޅުކަމެއް ނުކުރެވޭނެއެވެ)
އެހިނދު، ﷲ ތަޢާލާގެ ނަބިއްޔާގެ ހިތްޕުޅަށް ތަސައްލީއެއް ދެއްވާ، މުސްލިމުންގެ ލަޝްކަރަށް ނަޞްރުދެއްވާނެކަން އަންގަވާ، އަންނަނިވި އާޔަތް ބާވައިލެއްވިއެވެ.
إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَاثَةِ آلَافٍ مِّنَ الْمَلَائِكَةِ مُنزَلِينَ (އާލް ޢިމްރާން 124)
މާނައީ: "(އެއީ) ކަލޭގެފާނު مؤمن ންނަށް ވިދާޅުވިހިނދުގައެވެ. ބާވައިލައްވާފައިވާ ملائكة ންގެ ތެރެއިން، ތިންހާހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވުން ތިޔަބައިމީހުންނަކަށް ނުފުދޭހެއްޔެވެ؟"
މުސްލިމުންގެ މަދަދަށް ފޮނުއްވި މަލާއިކަތުން ފައިބައިވަޑައިގެންނެވި ފަރުބަދަ.jpeg&w=3840&q=75)
އަދި އެއަށްފަހު، އިތުރު ދެހާސް މަލާއިކަތުން ފޮނުއްވިކަން، އާލް ޢިމްރާން ސޫރަތުގެ 125 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ.
بَلَىٰ ۚ إِن تَصْبِرُوا وَتَتَّقُوا وَيَأْتُوكُم مِّن فَوْرِهِمْ هَٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ آلَافٍ مِّنَ الْمَلَائِكَةِ مُسَوِّمِينَ (އާލް ޢިމްރާން 125)
މާނައީ: "ނޫނެކެވެ! (ފުދޭނެއެވެ.) ތިޔަބައިމީހުން ކެތްތެރިވެ (اللَّه އަށް) ބިރުވެތިވެ ރައްކާތެރިވާނަމަ، އަދި ތިޔަބައިމީހުންނާ ހަމަޔަށް އެއުރެން (އެބަހީ: مشرك ން) ހަމަ ކުއްލިޔަކަށް އަންނަނަމަ، ފާހަގަކުރައްވާފައިވާ ފަސްހާސް ملائكة ން (ފޮނުއްވައިގެން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ."
މި ހާދިސާއިން އަޅުގަނޑުމެންނަށް ލިބިގެންދާ އެންމެ މުހިންމު، އެންމެ ޢިބްރަތްތެރި ފިލާވަޅަކީ، އިޚްލާޞްތެރިކަމާއެކު ﷲ ތަޢާލާއަށް ވަކީލުކޮށް، އެކަލާނގެއަށް ތަޤްވާވެރިވާ ނަމަ، އެކަލާނގެ ނަޞްރުވަނީ އެމީހަކާ ނުހަނު ގާތުގައި ކަމެވެ. އަދި، ﷲގެ ދީނަށް ޢަދާވާތްތެރިވެގަނެ، އެކަލާނގެ ދީން ނައްތާލަން މަސައްކަތްކުރާ ކޮންމެ މީހެއްހެ މަސައްކަތް، އެކަލާނގެ ނެތިކުރައްވާނެކަމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ (އައްޞައްފު 8)
މާނައީ: "އެއުރެން އެދެނީ، اللَّه ގެ نور ފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި كافر ން ނުރުހުނުކަމުގައިވިޔަސް اللَّه، އެކަލާނގެ نور ފުޅު ފުރިހަމަކުރައްވާހުށްޓެވެ."
މީގެ އިތުރުންވެސް މި ހަނގުރާމައިގެ ތެރޭގައި ފާހަގަކޮށްލެވޭ އެތައް ކަމެއް ހިނގާފައިވެއެވެ. އޭގެތެރެއިން ކަމަކަށް ބަލާލާއިރު، އާދަމުގެ ދަރީންގެ އެންމެ ބޮޑު ޢަދުއްވު ކަމަށްވާ ޝައިޠާނާ، މުޝްރިކުންގެ ލަޝްކަރަށް ހިތްވަރުދޭން އުޅުމަށްފަހު، މަލާއިކަތުން ފައިބައިވަޑައިގަންނަވާތަން ދެކި، ލަޝްކަރު ދޫކޮށް ފިލަން ދުއްވައިގަތުން ފާހަގަކުރެވެއެވެ. މިވާހަކަ، އަލް އަންފާލް ސޫރަތުގައި ބަޔާންކުރައްވާފައި ވެއެވެ.
وَإِذْ زَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ وَقَالَ لَا غَالِبَ لَكُمُ الْيَوْمَ مِنَ النَّاسِ وَإِنِّي جَارٌ لَّكُمْ ۖ فَلَمَّا تَرَاءَتِ الْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّي بَرِيءٌ مِّنكُمْ إِنِّي أَرَىٰ مَا لَا تَرَوْنَ إِنِّي أَخَافُ اللَّهَ ۚ وَاللَّهُ شَدِيدُ الْعِقَابِ (އަލް އަންފާލް 48)
މާނައީ: "އެއުރެންގެ (ނުބައި) عمل ތަކަކީ، ޒީނަތްތެރި عمل ތަކެއް ކަމުގައި شيطان އާ އެއުރެންނަށް ދެއްކިހިނދު، ހަނދުމަކުރާށެވެ! އަދި އެކަލޭގެ (އެއުރެންނަށް) ބުންޏެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަށް ގަދަވެގަންނާނޭ އެއްވެސް މީހަކު، މީސްތަކުންގެ ތެރެޔަކުން ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަން މިހުރީ ތިޔަބައިމީހުންގެ ރައްކާތެރިޔަކަށެވެ. ފަހެ، ދެ لشكر، އެއްބަޔަކު، އަނެއްބަޔަކަށް ފެނިގެން އައިހިނދު، އެކަލޭގެ ފުރަގަސްދީ ފިލަން ދުއްވައިގަތެވެ. އަދި އެކަލޭގެ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކިބައިން ތިމަން ބަރީއަވެގެންވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ނުފެންނަ ކަންތައް، ތިމަންނާއަށް އެބަފެނެއެވެ. ހަމަކަށަވަރުން، اللَّه އަށް ތިމަން ބިރުގަނެއެވެ. އަދި اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ."
ނަބިއްޔާ صلى الله عليه وسلم، މައްކާގައި އިސްލާމްދީނަށް ގޮވާލެއްވުމުގައި ހޭދަކުރެއްވި މުއްދަތުގައި، އެކަލޭގެފާނަށް އެންމެ ބޮޑަށް ޖެއްސުންކޮށް، އަނިޔާކުރަމުންދިޔަ، މި އުންމަތުގެ ފިރުޢައުނު، އަބޫ ޖަހުލު ޤަތުލުވީވެސް މި ހަނގުރާމައިގައެވެ. އިސްލާމްދީނުގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ، ހަނގުރާމައިގެ މައިދާނުގައި ނިކަމެތި ގޮތަކަށް ޤަތުލުވެގެންދިޔައީ، އަންޞާރީންގެ ތެރެއިންވި ހިތްވަރުގަދަ ދެ ޒުވާނެއްގެ ކަނޑިންނެވެ. އެއީ، މުޢާޛް ބިން ޢަފްރާ އަދި މުޢާޛް ބިން ޢަމްރު ބިން އަލް ޖަމޫޙް އެވެ.
ބަދުރު ހަނގުރާމައަކީ، އިސްލާމްދީނުގެ ދިފާޢުގައި ކުރެވުނު ފުރަތަމަ ހަނގުރާމައެވެ. ބާޠިލުގެ މައްޗަށް ޙައްޤު ހޯދި ފުރަތަމަ ނަޞްރެވެ. މި ހަނގުރާމަ ހިނގައިދިޔަ ދުވަހަށް، ކީރިތި ޤުރްއާނުގައި ދެއްވާފައިވާ ނަމަކީ، "ޔައުމުލް ފުރްޤާން" އެވެ.
وَاعْلَمُوا أَنَّمَا غَنِمْتُم مِّن شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ إِن كُنتُمْ آمَنتُم بِاللَّهِ وَمَا أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (އަލް އަންފާލް 41)
މާނައީ: "ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން غنيمة ކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައިވަނީ اللَّه އަށާއި، (އެކަލާނގެ) رسول އާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ދަތުރުވެރިންނަށެވެ. (އެއީ) اللَّه އަށާއި، حق އާއި، باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمان ވާ ކަމުގައިވާނަމައެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. "
މުރާޖަޢާ: ޝައިޚް ޢަބްދުﷲ މުބާޝިރު


