logo
Bank of Maldives

Bank of Maldives

ދުނިޔެ

ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު ޢިރާޤުގެ ތެލުގެ ވިޔަފާރި ހުއްޓުމަކަށް އަތުވެއްޖެ

އިސްމާޢިލް ރާތިޢު
9 މާރިޗު 2026 - 07:02
ހުރުމުޒް ކަނޑުއޮޅި- ފޮޓޯ: ގެޓީ އިމޭޖަސް
ހުރުމުޒް ކަނޑުއޮޅި- ފޮޓޯ: ގެޓީ އިމޭޖަސް

ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން ޢިރާޤުން ތެޔޮ އުފެއްދުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފިއެވެ.

ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު، ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާދޭން ފެށުމާއެކު އީރާނުން ވަނީ އެއްވެސް އުޅަނދަކަށް ހުރުމުޒް ކަނޑުއޮޅި ބޭނުން ނުކުރެވޭނެ ކަމަށް އިޢުލާނުކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެއާއެކު އެ ކަނޑުއޮޅި ހުރަސްނުކުރެވި، 200 އަށްވުރެ ގިނަ ތެޔޮ ޓޭންކަރު، އެ ސަރަހައްދުގައި ތާށިވެފައި ވެއެވެ.

އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއެޅި، ޓޭންކަރުތަކަށް އިތުރަށް ތެޔޮ ބަރާ ނުކުރެވޭތީ ގަލްފު ސަރަޙައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކުގެ ގުދަންތައް މިހާރު ވަނީ ފުރިފައެވެ. އެއާއެކު ތެޔޮ އުފެއްދުމުގެ މަސައްކަތް މިވަގުތަށް މަޑުޖައްސާލުމަށް އެ މަރުކަޒުތަކަށް ވަނީ މަޖުބޫރުވެފައެވެ.

ހަނގުރާމައިގެ ކުރިން އީރާނުގެ ތެޔޮދަނޑުތަކުން ދިޔައީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 4.3 މިލިއަން ފީފާގެ ތެޔޮ ބަންދުކުރަމުންނެވެ. ނަމަވެސް ހުރުމުޒް ކަނޑުއޮޅި ބަންދުުކުރުމާ ގުޅިގެން ޢިރާޤުގެ މައި ތެޔޮދަނޑުތަކުގައި ތެޔޮ އުފައްދާ މިންވަރު މިހާރު ވަނީ 70 އިންސައްތަ ދަށަށް ގޮސްފައެވެ. އެ ޤައުމުގައި ދުވާލެއްގެ މައްޗަށް މިހާރު ބަންދުކުރަމުންދަނީ އެންމެ 1.3 މިލިޔަން ތެޔޮ ފީފާއެވެ.

ޢިރާޤުގެ ދައުލަތުގެ ތެޔޮ ކުންފުނި، ބަސްރާ އޮއިލް ކޮމްޕެނީ (ބީއޯސީ)ގެ އޮފިޝަލަކު ވިދާޅުވީ ސާފުނުކުރާ ތެޔޮ ރައްކާކޮށްފައި ބެހެއްޓޭނެ އެންމެ ގިނަ މިންވަރަށް ގުދަންތަކުގައި ތެޔޮ ފީފާތައް ރައްކާކޮށްފައިވާ ކަމަށެވެ. މިހާރު އުފައްދަމުންދާ ތެލަކީ ޢިރާޤުގެ ރިފައިނަރީތަކަށް ފޯރުކޮށްދިނުމަށް އުފައްދާ ތެޔޮ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގެ ކުރިން ޢިރާޤުން ދިޔައީ ދުވާލެއްގެ މައްޗަށް 3.334 މިލިޔަން ފީފާ ބޭރުކުރަމުންނެވެ. ނަމަވެސް މާރިޗު މަހުގެ 8ވަނަ ދުވަހު ޢިރާޤުން ބޭރުކޮށްފައި ވަނީ 800،000 ފީފާގެ ތެލެވެ. އެ ފީފާތައް ބަރުކޮށްފައި ވަނީ އެންމެ ދެ ތެޔޮ ޓޭންކަރަށެވެ. ހުރުމުޒް ކަނޑުއޮޅި ހުރަސްކޮށް އިތުރު ޓޭންކަރުތަކަށް ޢިރާޤުގެ ބަނދަރުތަކަށް ފޯރުމަށް ހުރަސްއެޅިފައިވާތީ ދެން އެ ޤައުމުން މި ދުވަސްވަރު އިތުރަށް ތެޔޮ ބޭރުކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު ޢިރާޤުގެ ތެލުގެ ވިޔަފާރި ހުއްޓުމަކަށް އަތުވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިން