އިރާގުގެ ގްރޫޕަކުން ސަރަހައްދީ ތެޔޮ ވަސީލަތްތަކާއި އިންޖީނުގެތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
6 އޭޕްރީލު 2026 - 02:19

އީރާނާ ގުޅުން އޮންނަ ކަތާއިބު ހިޒްބުﷲގެ ލީޑަރު ވަނީ، ހޯރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް އަމަލީ ސިފަ ގެނެސްފިނަމަ، ސަރަހައްދީ ތެޔޮ އަދި ގޭސް ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ އިރްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ބަޔާނެއްގައި އަބޫ ހުސައިން އަލް-ހާމިދާވީ ވިދާޅުވީ، ބާރުގެ ބޭނުންކޮށްގެން ހޯރްމޫޒް ކަނޑުއޮޅި ހުޅުވަން އެމީހުން މަސައްކަތްކޮށްފިނަމަ، އެއްވެސް ތެޔޮ ނުވަތަ ގޭސް ޕްލެޓްފޯމެއް ނުވަތަ ވަސީލަތެއް ބާކީއެއް ނުހުންނާނެ ކަމަށެވެ. އަދި ސަރަހައްދުގައި ހުރި އެމެރިކާގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް އޭނާ ވަނީ ފުޅާ ދާއިރާއެއްގައި އިންޒާރު ދީފައެވެ.

Ad by Hajj Corporation
"ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން ދަންނަންޖެހޭނެ ކަމަކީ، މި ސަރަހައްދުގައި ހުރި އެމީހުންގެ އިންޖީނުގެތަކަކީވެސް އަހަރެމެންނަށް ހަމަލާދެވިދާނެ ސައްހަ އަމާޒުތަކެއް ކަމާއި، މިކަމުގައި އެއްވެސް ރަތް ރޮނގެއް ނެތްކަން." އޭނާ ބުނެފަވެެއެވެ.
"އޮތީ ދެގޮތުން ކުރެ ގޮތެއް، އެއީ އެންމެންނަށް ސަލާމަތްތެރިކަން ގާއިމުވުން، ނުވަތަ އެކަކަށްވެސް ސަލާމަތްތެރިކަން ނުލިބުން." އޭނާ އިތުރަށް ބުނެފަވެއެވެ.
މި އިންޒާރަކީ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސްގެ ފަރާތުން ހަމަލާތައް ވަރުގަދަކުރުމުގެ ބައެކެވެ. މިއީ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމުގެ ބަދަލުގައި، ސަރަހައްދުގެ އިގްތިސާދީ "މައި ނާރުތަކަށް" އަމާޒުކުރަން ފަށާފައިވާ އެތައް މިލިޝިއާ ގްރޫޕްތަކެއްގެ އިއްތިހާދެކެވެ.
އޭޕްރިލް 4 ވަނަ ދުވަހު، "ކަތާއިބު ސަރްޚަތު އަލް ގުދުސް" ގެ ނަމުން ނަންދީފައިވާ ގްރޫޕަކުން ވަނީ ކުވައިތާއި ކުރުދިސްތާން ރީޖަނަލް ގަވަރުމަންޓް (ކޭ.އާރު.ޖީ) އިން އިރާގުގެ ބިމަށް އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާކަމަށް ތުހުމަތުކޮށް ބަޔާނެއް ނެރެފައެވެ.
މުހައްލިލުން ލަފާކުރާ ގޮތުގައި މި ވާހަކަތަކަކީ "ބަހަނާއެއް" ދެއްކުމުގެ އިސްތިރާތީޖީއެކެވެ. އެމެރިކާގެ އަސްކަރީ ހަރަކާތްތަކުގެ ޒިންމާ އަވަށްޓެރި ގައުމުތަކުގެ ބޮލުގައި އެޅުވުމުން، ބޭރުގެ ތެޔޮ އަދި ކަރަންޓު ވަސީލަތްތަކަށް އެމީހުން ދޭ ޑްރޯން އަދި މިސައިލް ހަމަލާތަކަށް ދާޚިލީ ގޮތުން އުޒުރެއް ދެއްކުމުގެ ފުރުސަތު ލިބިގެންދެއެވެ.
މި އިންޒާރު ދީފައިވަނީ ހޮނިހިރު ދުވަހު ބަސްރާ ކައިރީގައި ހުރި ތެޔޮ ވަސީލަތްތަކަށް ދިން ޑްރޯން ހަމަލާއަކާ ދިމާކޮށެވެ. މި ހަމަލާގެ ސަބަބުން ބޮޑެތި އަލިފާންގަނޑުތަކެއް ރޯވެ، އެ ސަރަހައްދުގައި މަސައްކަތްކުރާ ހަކަތަ ސިނާއަތުގެ މުވައްޒަފުން ކުއްލި ހާލަތުގައި އެތަނުން ބާލަން ޖެހުނެވެ.
މި އިންޒާރުތައް އިރާގުން ނެރުނު ނަމަވެސް، އޭގެ އަސަރު އިއްޔެ (އާދީއްތަ، އޭޕްރިލް 5) މުޅި ގަލްފް ސަރަހައްދަށް ވަނީ ކޮށްފައެވެ. އިރާގުގެ ދެކުނުންނާއި އީރާނުން ފޮނުވާލި ކަމަށް ބެލެވޭ ޑްރޯން އަދި މިސައިލް ހަމަލާތަކެއް އާންމުންގެ ބައެއް ތަންތަނަށް ވަނީ އަރާފައެވެ:
ކަރަންޓާއި ފެން އުފައްދާ ދެ ބޮޑު ޕްލާންޓަކަށް "ބޮޑެތި މާއްދީ ގެއްލުންތަކެއް" ލިބުމާ ގުޅިގެން، ކަރަންޓު އުފައްދާ ދެ ޔުނިޓެއް ނިއްވާލަން ސަރުކާރަށް ވަނީ މަޖުބޫރުވެފައެވެ. އަދި ކުވައިތު ސިޓީގައި ހުންނަ ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަން (ކޭ.ޕީ.ސީ) ގެ ހެޑްކުއާޓަރަށްވެސް ހަމަލާ އަރާފައިވެއެވެ.
ޔޫ.އޭ.އީގެ ރުވައިސް އިންޑަސްޓްރިއަލް ސިޓީގައި ހުރި ޕެޓްރޯކެމިކަލް ޕްލާންޓެއްގެ މަތިން މިސައިލެއް ވައްޓާލުމާ ގުޅިގެން އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.
ބަހްރޭންގެ ސިތްރާ އައިލެންޑްގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކަކަށް ޑްރޯން ހަމަލާއެއް އެރުމުގެ ސަބަބުން އަލިފާން ރޯވިކަން ބަޕްކޯ އެނާޖީސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
އިރާގުގެ ފެޑަރަލް ސަރުކާރު މިހާރު އޮތީ ޑިޕްލޮމެޓިކް ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައެވެ. ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް-ސޫދާނީ ވަނީ ރަސްމީކޮށް މި އިންޒާރުތަކާ ދެކޮޅު ހައްދަވައި، އިރާގަކީ ސަރަހައްދީ ހަނގުރާމައިގެ "ބައިވެރިއެއް ނޫން" ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއްޔެ ވަނީ އިރާގަށް ދަތުރުނުކުރުމަށް އަންގައި ލެވެލް 4 ގެ އެލާޓެއް ނެރެފައެވެ. އެ އިދާރާއިން އިންޒާރު ދީފައިވަނީ، ތެހެރާނާ ގުޅިފައިވާ މި މިލިޝިއާ ގްރޫޕްތައް މިހާރު ހަރަކާތްތެރިވަނީ މިނިވަން އަސްކަރީ ބާރެއްގެ ގޮތުގައި ކަމަށާއި، އެމީހުންގެ މައްޗަށް މަރުކަޒީ ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ނެތް ކަމަށެވެ.

.jpg&w=3840&q=75)
