މެސީ ބާސެލޯނާއަށް އެނބުރިއައުން ހުއްޓުވީ ލަޕޯޓާ - ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ
9 މާރިޗު 2026 - 08:57

ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒް ހާމަކުރި ގޮތުގައި، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ 2023 ވަނަ އަހަރު އަލުން އެ ކްލަބަށް ގުޅުމާ ވަރަށް ގާތަށް ދިޔައެވެ. ޒަވީ ބުނި ގޮތުގައި މެސީ އެނބުރި އައުމުގެ ހުރިހާ ކަމެއް އޮތީ ނިމިފައެވެ.
ޒަވީ ކިޔައިދިން ގޮތުގައި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު، ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު މެސީއާ ގުޅުމުން، އޭނާ ހުރީ އެނބުރި އައުމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. "ލިއޯ ހުރީ ސޮއިކުރަން ތައްޔާރަށް. މާޗް މަހާ ހަމައަށް އަހަރެމެން ވާހަކަ ދެއްކިން. އަހަރެން އޭނާ ގާތު ބުނިން އޯކޭ ދިނުމާއެކު ރައީސަށް އަންގާނަމޭ. ފުޓްބޯޅައިގެ ގޮތުން އެއްވެސް ޝައްކެއް ނެތް،" ޒަވީ ބުންޏެވެ.

Ad by Hajj Corporation
މެސީ އެނބުރި އައުމަށްޓަކައި ކްލަބުން ޚާއްޞަ ރޭވުންތަކެއްވެސް ރޭވިއެވެ. މައިކަލް ޖޯޑަންގެ 'ލާސްޓް ޑާންސް' އާ އެއްގޮތަށް، މޮންޖުއިކް ސްޓޭޑިއަމްގައި މެސީގެ ފަހު ދުވަސްތައް ހޭދަކުރުމަށް ހުރިހާ ކަމެއް ތައްޔާރުކުރި ކަމަށް ޒަވީ ހާމަކުރިއެވެ. ނަމަވެސް، މި އެއްބަސްވުން ކުރިއަށް ނުދިޔައީ ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާގެ ސަބަބުން ކަމަށް ޒަވީ ތުހުމަތު ކުރިއެވެ.
ޒަވީ ބުނި ގޮތުގައި ލަޕޯޓާ ގަބޫލުކުރީ މެސީ އެނބުރި އަތުވެއްޖެނަމަ، މީހުން އޭނާއާ ދެކޮޅަށް ތެދުވާނެ ކަމަށެވެ. "ރައީސް ވިދާޅުވީ ލިއޯ އެނބުރި އަތުވެއްޖެނަމަ މީހުން އޭނާއާ ދެކޮޅަށް ހަނގުރާމައަށް ނުކުންނާނެ ކަމަށް، އަދި އެކަން އެގޮތަށް ވިޔަ ނުދެވޭނެ ކަމަށް،" ޒަވީ ކިޔައިދިނެވެ. މިކަމާ ގުޅިގެން މެސީގެ ބައްޕަ، ހޯހޭ މެސީއާ ވާހަކަ ދެއްކުމުން، އޭނާވެސް އެދުނީ ސީދާ ރައީސާ ވާހަކަ ދެއްކުމަށެވެ.
މީގެ އިތުރުން، ބާސެލޯނާގެ އެތެރޭގެ ހިންގުމަށް ޒަވީ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކްލަބުގެ އޮނިގަނޑާއި ޕްރޮފެޝަނަލިޒަމް މަތިން ތިރިއަށް މުޅިން ބަދަލުކުރަން ޖެހެއެވެ. ކްލަބުގެ އެތެރޭގައި އޮންނަ 'އިޒަމް' ތަކުގެ ސަބަބުން ކްލަބަށް ގެއްލުންވާ ކަމަށާއި، ކްލަބު ބިނާވެފައި އޮންނަންވާނީ އިޚްލާޞްތެރި މީހުންގެ މައްޗަށް ކަމަށް އޭނާ ބުންޏެވެ.
ޒަވީ އަންނަނީ މިހާރު އިންތިޚާބުގައި ވާދަކުރަމުންގެންދާ ބާސެލޯނާގެ އެންމެ ފަހުގެ ރައީސް އާއި ފާޅުކަންބޮޑުގޮތެއްގައި ކެންޕޭނު ކުރަމުންނެވެ.


