ބާސެލޯނާއިން ލެވަންޑޮވްސްކީ ދޫކޮށްލަން ނިންމައި އެކަން ރަސްމީކޮށް އިޢުލާންކޮށްފި
16 މޭ 2026 - 16:40

ބާސެލޯނާގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ، މިހާރު ހިނގަމުންދާ ސީޒަން ނިމުމުން އެ ކްލަބް ދޫކޮށްލާނެކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. ޕޮލެންޑުގެ މި ކުޅުންތެރިޔާ މިކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ފޮނުވި ވަދާއީ މެސެޖެއްގައެވެ. އަދި މިކަން ބާސެލޯނާގެ މީސްމީދިޔާތަކުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ލެވަންޑޯސްކީ ބާސެލޯނާ ދޫކޮށްލާކަން އިޢުލާންކޮށްފައި މިވަނީ، ކޭމްޕް ނޯގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ ސީޒަނުގެ ފަހު ހޯމް މެޗުގެ ކުރިންނެވެ. މި މެޗުގައި އޭނާ ބާސާގެ ސަޕޯޓަރުންނާ ވަދާއީ ސަލާމް ކުރާނެ ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއިން އޭނާގެ ކޮންޓްރެކްޓް އާކުރަން ބޭނުންވި ނަމަވެސް، ލެވަންޑޯސްކީ ނިންމީ އޭނާގެ ކެރިއަރުގެ އާ ބާބެއް ފެށުމަށެވެ.

Ad by Hajj Corporation
އިންސްޓަގްރާމްގައި ލެވަންޑޯސްކީ ލިޔެފައިވަނީ، "ހަތަރު އަހަރުގެ ބުރަ މަސައްކަތާއި ގޮންޖެހުންތަކަށްފަހު، މިއީ އާ ސަފުހާއެއް އުކާލަންވީ ވަގުތު" ކަމަށެވެ. އަދި އޭނާގެ ކެރިއަރުގެ އެންމެ މުހިންމު އެއް މަރުހަލާގައި ފުރުސަތު ދެއްވި ކަމަށްޓަކައި ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ އަށާއި ސަޕޯޓަރުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
2022 ވަނަ އަހަރު ބަޔާން މިއުނިކުން ބާސެލޯނާއާ ގުޅުނު ފަހުން، ލެވަންޑޯސްކީ ވަނީ އެ ކްލަބަށް ތިން ލަ ލީގާ ތަށި، ތިން ސްޕެނިޝް ސުޕަ ކަޕް އަދި އެއް ކޮޕާ ޑެލް ރޭ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އުމުރުން 37 އަހަރުގެ މި ފޯވާޑް ވަނީ ބާސެލޯނާއަށް ކުޅުނު 191 މެޗުގައި 119 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި ސީޒަނުގައި ފެރަން ޓޮރޭޒްއާ އެކު ކުޅުމުގެ ވަގުތު ހިއްސާކުރަން ޖެހުނު ނަމަވެސް، ލެވަންޑޯސްކީ ވަނީ 18 ލަނޑު ޖަހައި ބާސެލޯނާއަށް އަނެއްކާވެސް ލަ ލީގާ ތަށި ހޯދައިދިނުމުގައި އެހީތެރިވެދީފައެވެ. އޭނާ ބާސެލޯނާ ދޫކޮށްލާއިރު، ޔޫރަޕުގެ ބައެއް ކްލަބްތަކުގެ އިތުރުން އެމެރިކާގެ ޝިކާގޯ ފަޔަރ އެފްސީން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


