ނެގްރެއިރާ މައްސަލައަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ: ފްލޮރެންޓީނޯ ޕެރޭޒް
13 މޭ 2026 - 05:40

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، ބާސެލޯނާއާ ގުޅުންހުރި ރެފްރީންގެ ކޮރަޕްޝަން މައްސަލަ ނުވަތަ "ނެގްރެއިރާ ކޭސް" އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ފުޓްބޯޅައިގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ސްކޭންޑަލް ކަމަށް ސިފަކުރައްވައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕެރޭޒް ވިދާޅުވީ، "ނެގްރެއިރާ މައްސަލައަކީ ފުޓްބޯޅައިގައި މިހާތަނަށް ފެނުނު އެންމެ ގޯސް ސްކޭންޑަލް" ކަމަށެވެ. އަދި މި މައްސަލަ މިހާ ދުވަސްވީއިރުވެސް ހައްލެއް ނުލިބި އޮތުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ޕެރޭޒްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނެގްރެއިރާގެ ދައުރުގައި ހަރަކާތްތެރިވި ރެފްރީން އަދިވެސް ދަނޑުމަތީގައި އުޅެމުންދިއުމެވެ. "ނެގްރެއިރާގެ ޒަމާނުގައި އުޅުނު ރެފްރީން އަދިވެސް އެބަ ހަރަކާތްތެރިވޭ. އެމީހުން އަދިވެސް މެޗުތައް އިންސާފުކުރޭ. މިއީ އެއްވެސް ބުއްދިއަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. ބާސެލޯނާއިން ދެ ދަހަރު ވަންދެން ނެގްރެއިރާގެ ޚިދުމަތަށް ފައިސާ ދައްކާފައިވާއިރު، އެ ރެފްރީން ތިންވަނަ ދަހަރެއްގައިވެސް މަސައްކަތް ކުރަމުންދާކަން ޕެރޭޒް ފާހަގަކުރެއްވިއެވެ.
ޕެރޭޒްގެ މި ވާހަކަތަކާ ގުޅިގެން ބާސެލޯނާއިން ވަނީ ރަސްމީ ބަޔާނެއް ނެރެފައެވެ. އެ ކްލަބުން ބުނީ ޕެރޭޒްގެ ތުހުމަތުތައް އެ ކްލަބުގެ ގާނޫނީ ޓީމުން ދިރާސާކުރަމުންދާ ކަމަށާއި، އަބުރާ ބެހުމުގެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ވިސްނަމުންދާ ކަމަށެވެ. ބާސެލޯނާއިން ބުނި ގޮތުގައި މި ވަގުތު ޕެރޭޒްގެ ކޮމެންޓްތައް އެނަލައިޒް ކުރަމުންދާ ކަމަށާއި، އެކަށީގެންވާ ވަގުތެއްގައި ކްލަބުގެ ނިންމުން އާންމުކުރާނެ ކަމަށެވެ.
ރެއާލް މެޑްރިޑުން މި މައްސަލައިގެ ނިންމުމަކަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުންދާއިރު، އެ ކްލަބުން ގަބޫލުކުރާ ގޮތުގައި މި މައްސަލައިގައި ބާސެލޯނާއަށް ވަރަށް ހަރުކަށި އަދަބެއް ލިބޭނެއެވެ. މި މައްސަލައިގެ ސަބަބުން ސްޕެއިންގެ އެންމެ ބޮޑު ދެ ކްލަބުގެ މެދުގައި އޮތް ގުޅުން ވަނީ ކުރިއަށްވުރެ ބޮޑަށް ގޯސްވެފައެވެ.


