ބާސެލޯނާގެ ޓައިޓަލް ބަސްޕެރޭޑްގައި ޔަމާލް ފަލަސްޠީނުގެ ދިދަ އުފުލާލައި ވަރުގަދަ މެސެޖެއް
11 މޭ 2026 - 23:34

ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް، ބާސެލޯނާއިން ލަލީގާ ތަށި ކާމިޔާބުކުރުމުގެ އުފާފާޅުކުރުމުގެ ތެރޭގައި ފަލަސްތީނާ އެކު ސާބިތުވެ ހުރިކަން ހާމަކުރުމުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް އޮހެން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އުމުރުން 18 އަހަރުގެ ޔަމާލް ވަނީ ބާސެލޯނާގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ބަސް ބުރުގެ ތެރޭގައި ފަލަސްތީނުގެ ދިދަ ވަނީ ބަހުގައި ހޫރުވާފައެވެ. މި މަންޒަރު ފެނުމުން މަގުމައްޗަށް އެއްވެ ތިބި އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

Ad by Hajj Corporation
ބާސެލޯނާއިން ލަލީގާގެ 29 ވަނަ ތަށި ކާމިޔާބުކުރީ އެންމެ ބޮޑު ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. މިއީ އެލް ކްލަސިކޯ މެޗެއްގެ ނަތީޖާއިން ލީގު ޗެމްޕިއަންކަން ކަށަވަރުވި ދެވަނަ ފަހަރެވެ. މި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބާސެލޯނާގެ މަގުތަކަށް އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ.
އޮކްޓޯބަރު 2023 ގައި އިޒްރޭލުން ގާޒާއަށް ދޭން ފެށި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، ބާސެލޯނާ ސިޓީ ވެފައިވަނީ ސްޕެއިންގައި ފަލަސްތީނަށް ތާއީދުކޮށް ހިންގާ ހަރަކާތްތަކުގެ މައި މަރުކަޒަކަށެވެ. އެ ސިޓީގައި ގަވާއިދުން ފަލަސްތީނުގެ ހައްގުގައި ބޮޑެތި މުޒާހަރާތައް ބާއްވަމުންދެއެވެ.
މީގެ އިތުރުން، ގާޒާގެ ބަންދުކޮށްފައިވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް ފޮނުވާ ފްލޮޓިލާތައް ފުރުމުގެ މައި މަރުކަޒަކަށް ވެސް ބާސެލޯނާ ވަނީ ވެފައެވެ. މިފަދަ ދަނޑިވަޅެއްގައި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ އަދި މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ފަލަސްތީނުގެ ދިދަ ހޫރުވުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.


