އޮސަސޫނާ އަތުން މޮޅުވެ ބާސެލޯނާއިން ކުރިޔަށް އޮތް އެލްކްލެސިކޯއިން މޯޅުވެގެން ތަށި ހޯދުމުގެ ފުރުސަތުހޯދައިފި
3 މޭ 2026 - 03:22

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި އޮސަސޫނާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ލީގު ޗެމްޕިއަންކަން ދިފާއުކުރުމާ ގާތަށް ބާސެލޯނާ ޖެހިލައިފިއެވެ. އެސްޓާޑިއޯ އެލް ސަދާރުގައި ކުޅުނު މި މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ރޮބާޓް ލެވަންޑޯސްކީ އާއި ފެރާން ޓޮރޭޒް ޖަހައިދިން ލަނޑުތަކާއެކު ބާސެލޯނާއަށް މިހާރު ވަނީ ތަށި ކަށަވަރުކުރުމުގެ ފުރުސަތު ބޮޑުވެފައެވެ.
މި ނަތީޖާއާއެކު، އަންނަ ހަފުތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ނުވަތަ އާދިއްތަ ދުވަހު އެސްޕަންޔޯލް އަތުން ރެއާލް މެޑްރިޑް މޮޅުނުވެއްޖެ ނަމަ ބާސެލޯނާއަށް ލީގު ތަށި ލިބޭނެއެވެ. މެޗުގެ ކުރީކޮޅު ލެވަންޑޯސްކީ އާއި ޑެނީ އޮލްމޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ހާފުގައި އޮސަސޫނާގެ އެންޓޭ ބުޑިމިރް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ބާސެލޯނާގެ ކީޕަރު ޖޯން ގާސިއާ ވަނީ އޭނާގެ އިތުރު ހަމަލާއެއް ހުއްޓުވާފައެވެ. ބާސެލޯނާއިން މެޗުގެ ލީޑު ނެގީ 81 ވަނަ މިނެޓުގައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑް ނަގައިދިން ހުރަހަކުން ލެވަންޑޯސްކީ ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑެކެވެ.
ބާސެލޯނާގެ ދެވަނަ ލަނޑު އޭގެ ކުޑައިރުކޮޅެއް ފަހުން ފެރްމިން ލޮޕޭޒް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ. މެޗުގެ 88 ވަނަ މިނެޓުގައި އޮސަސޫނާގެ ރޫބެން ގާސިއާ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ބާސެލޯނާއިން ވަނީ މެޗުގެ ނަތީޖާ ހިފަހައްޓާފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ބާސެލޯނާއިން ލަލީގާގައި ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅެވެ. މިއީ 2016 ވަނަ އަހަރު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން 12 މެޗުން މޮޅުވި ފަހުން އެ ޓީމުން މިފަދަ ރެކޯޑެއް އެއް ސީޒަނެއްގައި ހެދި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގައި ޕެޑްރީ ވަނީ 105 ފަހަރު ބޯޅައިގައި އަތްލައި، 84 ސައްހަ ޕާސް ފޮނުވާލައިގެން މެޗު ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.


