ލެވަންޑޯސްކީއަށް ކޭމްޕް ނޯއިން އަލްވަދާއު ކިޔައި، ބާސެލޯނާއިން ރެކޯޑަކާއެކު މޮޅުވެއްޖެ
18 މޭ 2026 - 02:46

ލަލީގާގެ ޗެމްޕިއަން ބާސެލޯނާގެ ދަނޑުގައި ރޮބަޓް ލެވަންޑޯސްކީ ކުޅުނު ފަހު މެޗުގައި ރެއާލް ބެޓިސް 3-1 އިން ބަލިކޮށް، އެ ޓީމުން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މި މޮޅާއެކު ބާސެލޯނާ ވެފައިވަނީ ލަލީގާގެ ތާރީޚުގައި 38 މެޗުގެ ސީޒަނެއްގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ފުރަތަމަ ޓީމަށެވެ. އެގޮތުން މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު 19 މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.
މި މެޗަކީ ޕޮލެންޑްގެ ތަރި ރޮބަޓް ލެވަންޑޯސްކީ ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅުނު ފަހު މެޗެވެ. މި ސީޒަން ނިމުމުން ކްލަބް ދޫކޮށްލާނެކަން އިއުލާންކޮށްފައިވާ ލެވަންޑޯސްކީ މި މެޗުގައި ކުޅުނީ ކެޕްޓަނެއްގެ ގޮތުގައެވެ. މެޗުގެ 85 ވަނަ މިނެޓުގައި އޭނާ ބަދަލުކުރި ވަގުތު، ސަޕޯޓަރުންގެ ހޫނު އަތްތިލަބަޑީގެ އިސްތިގުބާލަކާއެކު އޭނާ ދަނޑުން ފޭބީ ފެންކަޅިވެފައި ހުރެއެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ. އޭނާ މި ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުން ބެޓިސްގެ ފާރުމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ބެޓިސްގެ ހެކްޓަރ ބެލަރިންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރަފީނިއާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.
ރެއާލް ބެޓިސްއިން މެޗުގެ 69 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިސްކޯއެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ޔާއޯ ކަންސޭލޯ ވަނީ ހިތްގައިމު ލަނޑެއް ޖަހައި ބާސެލޯނާއަށް އަލުން ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ 1985-86 ވަނަ އަހަރުގެ ސީޒަނުގައި ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ހުރިހާ މެޗަކުން މޮޅުވި ފަހުން ޓީމަކުން މި ރެކޯޑް ހެދި ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ފަހަރު މެޑްރިޑުން ކުޅެފައިވަނީ އަމިއްލަ ދަނޑުގައި 17 މެޗެވެ. މީގެ އިތުރުން ބާސެލޯނާއިން ވަނީ ޖެހިޖެހިގެން ދެ މެޗުގައި ހިލޭ ޖެހުމުން ލަނޑު ޖަހައި، 2003-04 ވަނަ އަހަރުގެ ފަހުން މިފަދަ ރެކޯޑެއް ހެދި ފުރަތަމަ ފަހަރަށް ވެފައެވެ.


