ދުޝްމިނުންގެ ފައިދަށުން ބިންގަނޑު ދަމައި ގަންނާނަން: ހިޒްބުﷲ

9 އޮކްޓޯބަރު 2024 - 10:03

ދުޝްމިނުންގެ ފައިދަށުން ބިންގަނޑު ދަމައި ގަންނާނެ ކަމުގައި ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނާއިމް ޤާސިމް ވިދާޅުވެއްޖެއެވެ.
ޤާސިމް ވިދާޅުވީ އިސްރާއީލުން މެދުއިރުމަތީގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުން ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވާ އެއްވެސް ކަމެއް ހާސިލް ނުވާނެ ކަމަށާއި ލުބުނާނާއި ފަލަސްތީނުގެ ހައްގުގައި ހިޒްބުﷲ އިން މޭ އައްޑަނަ އަކަށް ނަގައިގެން އިސްރާއީލާއި ހަނގުރާމަ ކުރާނެ ކަމަށެވެ. ހިޒްބުﷲ އަށް ހަމަލާ ދީގެން އިސްރާއީލަކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށާއި އެކަން ރަނގަޅަށް އިނގޭނެ ކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ހައިފާއަށް ހަމާލާ ދިނުމުން ޔަހޫދީންތަކެއް ގެތަކުން ބޭރަށް ނިކުމެފައި ތިބި މަންޒަރު
ޤާސިމް ވިދާޅުވީ މި ހަނގުރާމައަކީ އީރާނުގެ ނުފޫޒުން ފެށި ހަނގުރާމައެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މިއީ ފަލަސްތީން މިނިވަން ދައުލަތަކަށް ހެދުމަށްޓަކައި މެދުއިރުމަތީގެ މުސްލިމް އަޙުން ކުރާ ޖިހާދެއް ކަމަށެވެ. އަދި ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް އީރާނާއި ހިޒްބުﷲ އަދި ބާކީ ތިބި ޖަމާއަތްތަކުން، މިހަނގުރާމައިގައި ފަލަސްތީނަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ޔަހޫދީ ވަޒަންވެރިންގެ ގެދޮރު ގެއްލޭނެ ކަމުގެ އިންޒާރު ވެސް ޤާސިމް ވަނީ ނަތަންޔާހޫ އަށް ދީފައެވެ.
ކިރިޔާތު ޔަމް އަށް މިސައިލެއް ވެއްޓުނު ސަރަހައްދުގައި ޔަހޫދީ ސިފައިން ހަރަކާތްތެރިވަނީ
ޤާސިމްގެ ތަގްރީރު ނިމުމާއި އެކު ހިޒްބުﷲ އިން ވަނީ ވަރުގަދަ މިސައިލް ހަމަލާ ތަކެއް އިސްރާއިލުން ހިސާރުކޮށްފައިވާ ހައިފާއަށް ފޮނުވާލާފައެވެ. ހިޒްބުﷲ ގެ ހަމަލާ އަމާޒުކޮށްފައިވަނީ ހައިފާގެ އެކި ސަރަހައްދުތަކަށެވެ. މި ހަމަލާގެ ސަބަބުން "ހައިފާ" އާއި "އަކަމާ" އާ ދެމެދުން "ކިރިޔާތު ޔަމް" އަށާއި "ކިރިޔާތް މޮޓްޒްކިން" ގެ އިމާރާތްތަކަށް ވަނީ މިސައިލްތައް ވެއްޓި ބޮޑެތި ގެއްލުން ވެފައެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް މިހާތަނަށް އިސްރާއީލުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މިއީ މިހަނގުރާމަ ފެށިފަހުން އިސްރާއިލަށް ހިޒްބުﷲ އިން ދިން އެންމެ ވަރުގަދަ ހަމަލާއެވެ.
އިސްރާއީލުގެ ދިފާއީ ނިޒާމަށް ގިނަ މިސައިލްތައް ދިފާއުނުވެ ހައިފާގެ ސަރަހައްދުތަކަށް ވެއްޓޭ މަންޒަރު މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ.