ނޭމާ ވޯލްޑްކަޕް ސްކޮޑްއަށް ނަގާފާނެކަމުގެ އިޝާރާތެއް، ޕްރިލިމިނަރީ ސްކޮޑްގައި ހިމަނައިފި
9 މާރިޗު 2026 - 23:06

މި މަހު އެމެރިކާގައި ފްރާންސާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ރަހުމަތްތެރިކަމުގެ މެޗުތަކަށް އެކުލަވާލި ބްރެޒިލްގެ ގައުމީ ޓީމުގެ ޕްރިލިމިނަރީ ލިސްޓުގައި ތަރި ނޭމާ ހިމަނައިފިއެވެ.
ޖީ.އީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީގެ ރޭވުމަކީ މިދިޔަ އަންގާރަ ދުވަހު ބްރެޒިލް ލީގުގައި ސަންޓޯސް އާއި މިރަސޯލް ބައްދަލުކުރި މެޗުގައި ނޭމާގެ ކުޅުން ސީދާ ދަނޑަށް ގޮސް ބަލާލުމެވެ. މިއީ ނޭމާގެ ފިޓްނަސް ހުރިގޮތް ވަޒަންކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

Ad by Hajj Corporation
އަނިޔާއިން ސަލާމަތްވެ ނޭމާ އަލުން ކުޅުމުގެ ތެރެއަށް އައިސްފައިވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ވެލޯ ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެން އެރިއިރު، އޭގެ ފަހުން ނޮވޮރިޒޮންޓީނޯ އަދި ވަސްކޯއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.
އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނޭމާ ވަނީ ދެ ލަނޑު ކާމިޔާބުކޮށް އެއް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މި ދެ ލަނޑުވެސް އޭނާ ކާމިޔާބުކުރީ ވަސްކޯއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ނޭމާ ހިމެނޭހެން ބްރެޒިލްގެ ފައިނަލް ސްކޮޑު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޯމަ ދުވަހުއެވެ.
ބްރެޒިލުން ފްރާންސާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު ބޮސްޓަންގައެވެ. އަދި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އޯލަންޑޯގައެވެ. މިއީ ވޯލްޑް ކަޕަށް ޓީމު އެކުލަވާލުމުގެ ކުރިން ބްރެޒިލުން ކުޅޭނެ އެންމެ ފަހު ރަހުމަތްތެރިކަމުގެ މެޗުތަކެވެ.


