ރޮބީނިއޯގެ ދަރިއަށް ނޭމާ ހަމަލާދިންކަމަށްބުނާ މައްސަލައެއް ބަލަންފަށައިފި
6 މޭ 2026 - 14:10

އާދީއްތަ ދުވަހުގެ ފަރިތަކުރުންތަކުގެ ތެރޭގައި ބްރެޒިލްގެ ތަރި ނޭމާ، އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ރޮބީނިއޯ ޖޫނިއާ އަށް ޖިސްމާނީ ގޮތުން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ބްރެޒިލްގެ ސަންޓޯސް ކްލަބުން ތަހުގީގު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އުމުރުން 18 އަހަރުގެ ރޮބީނިއޯ ޖޫނިއާ، ނޭމާ ކައިރިން ނައްޓާލުމަށްފަހު ބޯޅަ ހިފައިގެން ދިއުމުން، އެކަމާ ނޭމާ ހިތްހަމަނުޖެހިގެންނެވެ. އުމުރުން 34 އަހަރުގެ ނޭމާ ވަނީ ރޮބީނިއޯ ޖޫނިއާ ކޮއްޕާލައި ވައްޓާލާފައެވެ. މީގެ އިތުރުން ރޮބީނިއޯ ޖޫނިއާ ތުހުމަތު ކުރާ ގޮތުގައި ނޭމާ ވަނީ އޭނާއަށް ހުތުރު ބަހުން މުއާމަލާތްކޮށް، އޭނާގެ މޫނުމަތީގައި ބާރަށް ޖަހާފައެވެ.

Ad by Hajj Corporation
ސަންޓޯސް ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ސަންޓޯސް ފުޓުބޯޅަ ކްލަބަށް ނިސްބަތްވާ ކުޅުންތެރިއަކު އެ ކްލަބުގެ އެހެން ކުޅުންތެރިއަކަށް ޖިސްމާނީ ގޮތުން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ކްލަބުގެ ސަމާލުކަމަށް އައިސްފައިވާ" ކަމަށެވެ. މި ހާދިސާއާ ގުޅިގެން ރޮބީނިއޯ ޖޫނިއާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރޮބީނިއޯ ޖޫނިއާ އަކީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރޮބީނިއޯގެ ދަރިއެކެވެ. އޭނާ މިހާރު ވަނީ ކްލަބުގައި ރައްކާތެރިކަން ނެތް ކަމަށް ބުނެ، އޭނާގެ ކޮންޓްރެކްޓް އުވާލުމާ މެދު މަޝްވަރާ ކުރުމަށް ސަންޓޯސްގެ މެނޭޖްމަންޓާ ބައްދަލުކުރުމަށް އެދިފައެވެ. ނޭމާގެ ފަރާތުން މިކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ދީފައި ނުވި ނަމަވެސް، އޭނާ ވަނީ ފަހުން ރޮބީނިއޯ ޖޫނިއާ އަށާއި އޭނާގެ އާއިލާއަށް މެސެޖުކޮށް މާފަށް އެދިފައި ކަމަށް މައުލޫމާތު ލިބެއެވެ.
ނޭމާ އަކީ ކުރިން ބްރެޒިލް ގައުމީ ޓީމުގައި ރޮބީނިއޯ ޖޫނިއާގެ ބައްޕައާ އެކު ކުޅެފައިވާ ކުޅުންތެރިއެކެވެ. ރޮބީނިއޯ ޖޫނިއާ ސަންޓޯސްގެ ފުރަތަމަ ޓީމަށް ޕްރޮމޯޓްވީ މިދިޔަ ހޫނު މޫސުމުގައެވެ. ސަންޓޯސް ދެން އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައިވަނީ ކޮޕާ ސުޑަމެރިކާނާ ގްރޫޕް ސްޓޭޖުގައި ޕެރަގުއޭގެ ޑިޕޯޓިވޯ ރެކޮލެޓާއާ ދެކޮޅަށެވެ.
ބްރެޒިލްގެ ރިޕޯޓްތައް ބުނާގޮތުން ނޭމާ ވަނީ މިހާރު މިކަމާއި ގުޅިގެން މާފަށް އެދިފައެވެ.


