ނޭމާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައި ރިޓަޔަރމަންޓް އިޢުލާންކޮށްފި
6 ޖުލައި 2026 - 03:32

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. ނޭމާ މި ނިންމުން ނިންމާފައިވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ނޯވޭ އަތުން ބްރެޒިލް ބަލިވެ، މުބާރާތުން ކެޓުމާ ގުޅިގެންނެވެ.
ކާލޯ އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ކުޅުނު ބްރެޒިލް ޓީމު 2-1 އިން ބަލިވި މި މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ނޭމާ ވަނީ ލަނޑެއް ޖަހާފައެވެ. މިއީ 2023 ވަނަ އަހަރަށްފަހު ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ ބްރެޒިލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު 80 ލަނޑަށް އިތުރުކޮށްފައެވެ.

Ad by Hajj Corporation
މި މެޗު ކުޅެވުނު މެޓްލައިފް ސްޓޭޑިއަމަކީ 2010 ވަނަ އަހަރު ނޭމާ ގައުމީ ޓީމަށް އަލަށް ކުޅެދިން ސްޓޭޑިއަމްވެސް މެއެވެ. އުމުރުން 34 އަހަރުގެ ނޭމާ މިފަހަރުގެ ސްކޮޑުގައި ހިމެނުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ. އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި އޭނާއަށް ނުކުޅެވުނު އިރު، މުޅި މުބާރާތުގައިވެސް އޭނާއަށް ކުޅެން ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ މެޗުގައެވެ.
މުބާރާތުން ކެޓުމަށްފަހު ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރި ނޭމާ، ބްރެޒިލްގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ މިއީ އޭނާގެ ފަހު މެޗު ކަމަށެވެ. "އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަމަކު މިހާރު މިއޮތީ ނިމިފައި. އަހަރެން ފެށީ މިތަނުން، އަދި ނިންމާލީވެސް މިތަނަށް"، ނޭމާ ގްލޯބޯ ޓީވީއަށް ބުންޏެވެ.
ނޭމާ ވަނީ މި މުބާރާތުގައި ތާރީޚީ ކާމިޔާބީއެއްވެސް ހޯދާފައެވެ. އެއީ ފުޓްބޯޅައިގެ ލެޖެންޑް ޕެލޭއަށްފަހު، ހަތަރު ވޯލްޑް ކަޕް މުބާރާތެއްގައި ލަނޑު ޖެހި ބްރެޒިލްގެ ދެވަނަ ކުޅުންތެރިޔާގެ ޝަރަފެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރެވުނު ނޭމާ ގައުމީ ޓީމުން ވަކިވީ ކާމިޔާބު ނަމަވެސް ހިތްދަތި ނިމުމަކާއެކުގައެވެ


