ހުޅުމާލޭ ރެސްޓޯރެންޓެއްގެ މުވައްޒަފުންތަކެއް އިހުތިޖާޖުކޮށްފި
10 މާރިޗު 2026 - 16:25

ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، އެމީހުންގެ ހުރި ކަންބޮޑުވުންތަކަކާ ގުޅިގެން މަސައްކަތް ހުއްޓާލުމަށްފަހު އިހުތިޖާޖުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 10 ވަނަ ދުވަހުގެ ހަވީރު 15:50 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ރެސްޓޯރެންޓުގެ މެނޭޖްމަންޓާއި އިހުތިޖާޖުކުރަމުންދިޔަ މުވައްޒަފުންނާ ބައްދަލުކޮށްފައެވެ.

Ad by Hajj Corporation
ފުލުހުން މައުލޫމާތު ސާފުކުރުމުން އެނގުނު ގޮތުގައި، މުސާރައިގެ މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މިހާރު ވެސް މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް މިހާރު ވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އިހުތިޖާޖުގައި ބައިވެރިވި މުވައްޒަފުން ގެންގުޅުނު ލިޔުންތަކުގައި އިތުރުގަޑީގެ ފައިސާ އާއި، ރަނގަޅު އެކަމަޑޭޝަނެއް ލިބިދޭން އެދޭކަމަށް ބުނާ މެސެޖުތައް ފެންނަން ހުއްޓެވެ. އެއީ ކޮން ރެސްޓޯރެންޓެއްގެ މުވައްޒަފުންކަމެއް ސީދާ ސާފު ނުވިނަމަވެސް، ފޮޓޯތަކުން ފެންނަގޮތުގައި އެ މުވައްޒަފުން އިހުތިޖާޖަށް ހުއްޓިތިބީ ހުޅުމާލޭ "ރިވެލި" ބީޗް ކައިރީގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ، މައްސަލަ ހައްލުކުރުމުގައި ގާނޫނީ އުސޫލުތަކުގެ ތެރެއިން އަމަލުކުރުމަށް ދެފަރާތަށް އިރުޝާދު ދީފައެވެ. މީގެ އިތުރުން، ސަރަހައްދުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން ވަނީ އެ ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.
މި އިހުތިޖާޖާ ގުޅިގެން އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.


