ރެއާލްގެ ނުފޫޒުން ލިގު ހިންގާކަމަށް ތުހުމަތުކުރާ ޓެބާސް އެންމެފަހުން ބާސެލޯނާގެ ރައީސްގެ ދިފާއުގައި ނިކުމެއްޖެ
11 މާރިޗު 2026 - 04:33

ރެއާލް މެޑްރިޑްގެ ނުފޫޒު ލަލީގާގެ ތެރޭގައި ބޭނުންކމުރުމަށް ގެންގުޅޭ އެންމެ ބޮޑު ހަތިޔާރުކަމަށް ބާސެލޯނާގެ ސަޕޯޓަރުން ތުހުމަތުކުރާ ލަލީގާގެ ރައީސް ޓެބާސް އެންމެ ފަހުވަގުތު ބާސެލޯނާގެ ރައީސްގެ ދިފާއުގައި ނިކުމެއްޖެއެވެ. އެގޮތުން 2023 ވަނަ އަހަރު ލިއޮނަލް މެސީ އަލުން ބާސެލޯނާއަށް ގެނައުމަށް ލަލީގާއިން ހުއްދަ ދިން ކަމަށް ބުނެ އެ ޓީމުގެ ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒް ލަޕޯޓާއާއި ދެކޮޅަށް ދެއްކި ވާހަކަތައް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ.
އެސްޓޫޑިއޯ އެސްޓާޑިއޯ (ޓީވީއީ) އަށް ދެއްވި އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވީ، މެސީ އަނބުރާ ގެނައުމުގެ އެއްވެސް ކަމަކަށް ލަލީގާއިން ހުއްދަ ދީފައި ނުވާނެ ކަމަށެވެ. "އެއީ ތެދެއް ނޫން. ލަލީގާއިން އެއްވެސް ކަމަކަށް ހުއްދައެއް ނުދޭ، އަދި އެ އޮޕަރޭޝަނަށް 'އޯކޭ' އެއްވެސް ނުދޭ،" ޓެބާސް ވިދާޅުވިއެވެ.

Ad by Hajj Corporation
މި މައްސަލައިގައި ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ މީގެ ކުރިން ވިދާޅުވެފައިވަނީ، މެސީ ހުރީ އެނބުރި އަންނަން ތައްޔާރަށް ކަމަށާއި، 2023 ވަނަ އަހަރުގެ މާޗް މަހާ ހަމައަށް މަޝްވަރާތައް ކުރިއަށްދިޔަ ކަމަށެވެ. އަދި މެސީގެ ބައްޕަ ޖޯޖް މެސީއާއެކު ކުރެވުނު މަޝްވަރާތަކުގައި ލަލީގާގެ "ފެހި ސިގްނަލް" ލިބިފައިވާ ކަމަށްވެސް ލަޕޯޓާ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ޓެބާސް ވަނީ މިކަމުގެ ޒިންމާ ލަޕޯޓާގެ ބޮލުގައި އަޅުވާފައެވެ. ޓެބާސް ވިދާޅުވީ މެސީ ނައީ ލަލީގާގެ ސަބަބުން ނުވަތަ ޖޯޖް މެސީ އިތުރު ފައިސާއަށް އެދިގެން ނޫން ކަމަށާއި، އެއީ ސީދާ ލަޕޯޓާގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. "ހަގީގަތަކީ 2023 ވަނަ އަހަރު ބާސެލޯނާގެ އެއްވެސް މީހަކު މެސީގެ ހާލަތާ ބެހޭ އެއްވެސް މައުލޫމާތަކަށް އެދިފައެއް ނުވޭ،" ޓެބާސް އިތުރަށް ވިދާޅުވިއެވެ.
ޓެބާސް ފާހަގަކުރެއްވި ގޮތުގައި، މެސީ ފަދަ މާކެޓް ވެލިއު ބޮޑު ކުޅުންތެރިއަކު ރެޖިސްޓްރީ ކުރުމަކީ އެ ދުވަސްވަރު ބާސެލޯނާ އޮތް މާލީ ހާލަތުން ވަރަށް އުނދަގޫ ކަމެކެވެ. މެސީ ގެނައުމުގެ ކުރިން އޭނާއަށް ދޭންޖެހޭ މުސާރަ އެނގެން ޖެހޭ ކަމަށާއި، އެއީ ކްލަބުގެ ފައިނޭންޝަލް ފެއާ ޕްލޭ އުސޫލުތަކުގެ ތެރެއަށް ފައްތަން ޖެހޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައުލޫމާތުތަކާއެކު، ޒަވީ އާއި ލަޕޯޓާ ދައްކަވަމުން ގެންދެވި ވާހަކަތަކާއި ލަލީގާގެ ރައީސްގެ ވާހަކަތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން މިވަނީ ހާމަވެފައެވެ. ޓެބާސް ތަކުރާރުކޮށް ވިދާޅުވީ މެސީ އެނބުރި އައުމަށް ބޭނުންވާ މާލީ ނުވަތަ ކޮންޓްރެކްޓް އޮނިގަނޑަކަށް ލަލީގާއިން ދުވަހަކުވެސް ރުހުން ދީފައިނުވާނެ ކަމަށެވެ.


