އޭދަފުށީގައި މަސްތުވާތަކެތި ވިއްކަން އުޅުނު 56 އަހަރުގެ މީހަކު ހައްޔަރުކޮށްފި
12 މާރިޗު 2026 - 02:35

ބ. އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެ ރަށުން އުމުރުން ދުވަސްވީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި، ދޭދަރުގެ، ޢަލީ ޝަކީބު (56އ) އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

Ad by Hajj Corporation
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޢަލީ ޝަކީބު ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް އޭނާގެ އަތުން ވަނީ ފެނިފައެވެ. އޭނާއަކީ އެ ރަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.


