މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް ފަށައިފި
12 މާރިޗު 2026 - 06:17

ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާލެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހުއެވެ. ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ. މީގެ ސަބަބުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޓިން ފްލައިޓްތައް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
ބަންގްލަދޭޝަށް ދަތުރުތައް އަލުން ފަށާ ދުވަސްވަރަކީ ރަމަޟާން މަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަކަށް ވުމުން، މިއީ އީދު ބަންދަށް ރާއްޖެއިން ބޭރަށްދާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާ ބަންގްލަދޭޝް މީހުންނަށް ލިބޭނެ ބޮޑު ފަސޭހައަކަށްވާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން ބުނިގޮތުގައި މި ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބެލުމަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ.
މޯލްޑިވިއަނުން މީގެކުރިންވެސް ވަނީ ބަންގްލަދޭޝަށް ދަތުރުތައް ބާއްވާފައެވެ. މި ދަތުރުތައް މެދުކަނޑާލީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ އޭރު ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާއި ގުޅިގެންނެވެ. ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ކޮންމެ ހަފްތާއަކުވެސް މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝްގެ ޑާކާއަށް ބާއްވަމުންދިޔައެވެ.
މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރުންނެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން މިހާރު ބައިނަލްއަޤްވާމީ ދަތުރުތައް ކުރަނީ އިންޑިއާ އަދި ޗައިނާއަށެވެ. މި ދެ ގައުމުގެ ފަސް މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް ކުރަމުންދެއެވެ. އަދި ޗުއްޓީއާއި ދިމާކޮށް ބައެއް އެހެން މަންޒިލްތަކަށްވެސް ސީޒަނަލް ދަތުރުތައް މޯލްޑިވިއަނުން ބާއްވައެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 26 ބޯޓެއް ހިމެނެއެވެ. މީގެތެރޭގައި މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ މަތިންދާބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

Ad by Hajj Corporation


