އަންނަމަހު ނަގާ ހިޔާލު ހޯދުމުގެ ވޯޓާއެކު، ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ: އީސީ
14 މާރިޗު 2026 - 05:54

އަންނަމަހު ނަގާ ހިޔާލު ހޯދުމުގެ ވޯޓާއެކު، ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރިފަރަންޑަމްގެ ގާނުނެއް ނެތްކަމުގައިވީނަމަވެސް، 2011 ވަނަ އަހަރު އައްޑޫ އަތޮޅުގައި ރައްޔިތުން ބޭނުންވަނީ ސިޓީއެއްތޯ ނުވަތަ އަތޮޅެއްތޯ ބެލުމަށްޓަކައި ޚިޔާލުގެ ވޯޓުލުމެއް ބޭއްވިފައިވާކަމަށެވެ. އަދި އޭގެފަހުން މިދިޔަ އަހަރު އައްޑޫ އެކުލެވިފައިވާ ގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުލުމަށް ނުކުތް މީހުންނާއި އަޅާބަލާއިރު، މިދިޔަ އަހަރު ވޯޓުލުމަށް ނިކުތް މީހުން އަދަދު އިތުރުކަމަށް ޒާހިދު ވިދާޅުވިއެވެ.

Ad by Hajj Corporation
ޒާހިދު ވިދާޅުވީ ޤާނޫނެއްގެ ތެރެއިން ގޮތްތަކެއް ކަނޑައެޅި އެކަމާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދެވިގެން ދިޔުމުގެ ސަބަބުން ރައްޔިތުންގެ ވޯޓުލާން ނިކުން އަދަދު އިތުރުވެފައިވާކަމަށެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވެނީ މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއެކު ރިފަރަންޑަމް ވޯޓު ނެގޭތީކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތަކެއް ކުރަމުންދާކަމަށާއި އެގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމި ހިސާބުން ޓީވީ، ރޭޑިއޯ، ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި ޕޯސްޓަރ ހަދާ، ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި އީސީން ތައްޔާރުކޮށް ގެނެސްދޭ ޕޮޑްކާސްޓުގެ ޒަރިއްޔާއިންވެސް ތަފާތު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ހަމަމިއާއެކު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ލީފްލެޓްތައް ތައްޔާރުކޮށް މާލޭއާއި އަތޮޅުތަކަށް އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމްޓީސީސީގެ ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަކުގައި ހުންނަ ޓީވީތަކުގައިވެސް ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތައް ދެއްކުމުގެ މަސައްކަތް ކުރަމުންދާކަމަށައި މާލޭގައި މަގުތަކުގައި ހުންނަ ބޮޑެތި ސްކްރީންތަކާއި ޓީވީތަކުގައިވެސް ދައްކާނެކަމަށް ޒާހިދު ވިދާޅުވިއެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެއެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ކައުންސިލު އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ވެސް ހަމައެދުވަހު އޮންނާނެއެވެ.


