އެމްއޭސީއެލް އިން ޖެޓް ފިއުލް ވިއްކާ އަގަށް ބަދަލު ގެނެސްފި
14 މާރިޗު 2026 - 09:49

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޖެޓް ފިއުލް ވިއްކާ އަގަށް ބަދަލު ގެނެސްފިއެވެ.
އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ޖެޓް ފިއުލްގެ އަގު މިހާރުވަނީ 50 ސެންޓު ބޮޑުކޮށްފައެވެ. އެގޮތުން މީގެކުރިން އަގު 1.19 ޔޫއެސް ޑޮލަރަށް ވިއްކި ޖެޓް ފިއުލް މިހާރުވަނީ 1.69 ޔޫއެސް ޑޮލަރަށް ބޮޑުކޮށްފައިކަމަށް ބުނެއެވެ. މިއީ %42 ގެ ބޮޑުވުމެކެވެ.

Ad by Hajj Corporation
އެހެންކަމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އެމްއޭސީއެލް އިން ބަލަހައްޓާ އެހެނިހެން އެއަރޕޯޓުތަކުން ވެސް ޖެޓް ފިއުލް ދެން ލިބޭނީ އެ އަގަށެވެ.
މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް މަތިވަމުންދާތީ އަގަށް ބަދަލު ގެނައުމަކީ މަޖުބޫރު ކަމެއް ކަމަށް ވިދާޅުވެފައެވެ.
އެމްއޭސީއެލްއަށް ޖެޓް ފިއުލް ފޯރުކޮށްދޭ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މައިގަނޑު ގޮތެއްގައި ތެޔޮ އެތެރެކުރަނީ އޮމާނުން ކަމަށްވާއިރު، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ސާފު ނުކުރާ ތެލާއި ސާފުކޮށްފައިވާ ތެލުގެ އަގު ވަނީ އުފުލިފައެވެ. އަދި އުފުލުމާ ގުޅިގެން، ރާއްޖެއަށް ވެސް އޭގެ ސީދާ އަސަރު ކުރާނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފާއިތުވި ހަފުތާތަކުގައި ބައިނަލްއަގުވާމީ ބާޒާރުގައި ޖެޓް ފިއުލްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލް ހިމެނޭހެން ސާފުކޮށްފައިވާ ތެޔޮ ލިބުމަށް މިހާރުވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މީގެ ސަބަބުން ތެލަށް ބަރޯސާ ވާ ރާއްޖެ ފަދަ ގައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އެއަރލައިންތަކުގެ ހިންގުމުގެ ހަރަދުގެ ބޮޑު ބައެއް ތެލަށް ހޭދަވާއިރު، މި ބަދަލާއެކު ހިންގުމުގެ ހަރަދު އިތުރުވެ، ބައެއް ރޫޓުތަކުގެ ޓިކެޓް އަގުތައް ބޮޑުކުރަން ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކުދި އެއާލައިންތަކަށް ނަމަވެސް، ތެލުގެ އަގު މިގޮތުގައި ހިފެހެއްޓިފައި ހުރެއްޖެނަމަ ބޮޑެތި އެއާލައިންތަކުން ވެސް އަގުތަކަށް ބަދަލު ގެނައުން އެކަށީގެންވެއެވެ. ނަތީޖާއެއްގެ ގޮތުން، ވާދަވެރިކަން ކުޑަ ރޫޓުތަކާއި މަދުން މީހުން ދަތުރުކުރާ ފްލައިޓްތަކުގެ ޓިކެޓް އަގު ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.
މުޅިން އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވުމުން، ދުނިޔޭގެ ބާޒާރަށް އަންނަ މިފަދަ ލޮޅުންތަކުން ސަލާމަތްވުމަށް ރާއްޖެއަށް އޮތް ފުރުސަތު ހަނިވެއެވެ. އެސްޓީއޯއިން އޮމާނުގެ ސަޕްލަޔަރުންނަށް ބަރޯސާވާ މިންވަރު ބޮޑުވުމުން، ރާއްޖޭގެ އަގުތައް ހުންނަނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކާ ސީދާ ގުޅިފައެވެ.


