މެކްސް ޑޯމަންގެ ތާރީޚީ ލަނޑާއެކު އާސެނަލުން 23 އަހަރުފަހުން ލީގު ހޯދުމާއި ގާތަށް
15 މާރިޗު 2026 - 04:15

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 16 އަހަރުގެ މެކްސް ޑޯމަން ދެއްކި މޮޅު ކުޅުމާއެކު އެވަަޓަން 2-0 އިން ބަލިކޮށް، ލީގު ތަށި ހޯދުމަށް އާސެނަލްއިން ބޮޑު ފިޔަވަޅެއް އަޅައިފިއެވެ.
މި މެޗުގައި ޑޯމަން ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މެޗުގެ 74 ވަނަ މިނެޓުގައި ކުޅެން ނުކުމެ، ޑޯމަން ވަނީ 89 ވަނަ މިނެޓުގައި ވިކްޓަރ ގިއޮކެރޭސް ޖެހި ލަނޑު އުފެއްދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އޭނާ ވަނީ އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

Ad by Hajj Corporation
އެވަޓަންގެ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ޖޭމްސް ޓާކޯވްސްކީ އާއި ޖެރާޑް ބްރަންތުވައިޓް ނުލައި ކުޅުނު ނަމަވެސް، އެ ޓީމުން ވަނީ އާސެނަލްއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައެވެ. އެގޮތުން ޑްވައިޓް މެކްނީލް ފޮނުވާލި ހަމަލާއެއް ރިކާޑޯ ކަލަފިއޯރީ ހުޝިޔާރުކަމާއެކު ދިފާއުކުރިއިރު، މެކްނީލް ފޮނުވާލި އަނެއް ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެ އިތުރުން ދެވަނަ ހާފުގެ ކުރީކޮޅު އެވަޓަންގެ ބެޓޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ދިފާއުކޮށްފައެވެ.
އާސެނަލްއިން މެޗުގެ ފަހުކޮޅު ކުރި ބާރުގެ ނަތީޖާއެއްގެ ގޮތުން، ޑޯމަން ނެގި ހުރަހެއް އެވަޓަންގެ ކީޕަރު ޕިކްފޯޑަށް ރަނގަޅަށް ދިފާއު ނުކުރެވުމުގެ ފައިދާ ނަގައި، ގިއޮކެރޭސް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މެޗުގެ ފަހު ވަގުތު ނަތީޖާ އެއްވަރުކުރުމަށް އެވަޓަންގެ ކީޕަރު ޕިކްފޯޑްވެސް އާސެނަލްގެ އޭރިއާ ތެރެއަށް އެރި ވަގުތު، އާސެނަލްއިން އުފެއްދި ކައުންޓަރ އެޓޭކެއްގައި ޑޯމަން ވަނީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
އުމުރުން 16 އަހަރާއި 73 ދުވަހުގައި ޑޯމަން މި ލަނޑު ޖެހުމާއެކު، އޭނާ ވެފައިވަނީ ލީގުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ޑޯމަންގެ މި ލަނޑާއެކު، 1960، 1970، 1980، 1990 އަދި 2000 ގެ އަހަރުތަކުގައި އުފަންވި ކުޅުންތެރިން ޕްރިމިއާ ލީގުގައި ލަނޑު ޖެހިކަމުގެ ރެކޯޑު މިހާރު ވަނީ ފުރިހަމަވެފައެވެ.


