ޕެނަލްޓީ އެފްސީކަމަށް ބާސެލޯނާއިން ރެއާލް މެޑްރިޑްއާއި ވާދަކުރަނީ
16 މާރިޗު 2026 - 04:35

މިސީޒަނުގައި ޕެނަލްޓީ އެފްސީގެ ލަޤަބު ދިފާއުކުރަމުންގެންދާ ރެއާލް މެޑްރިޑް އާއި ބާސެލޯނާ ވާދަކުރަންފަށައިފިއެވެ. އެގޮތުން ބާސެލޯނާ ރޭގައި ކުލުނު މެޗުގައި ކައިރި ކައިރީގައި ދެޕެނަލްޓީ ޖަހައިގެން ބާސެލޯނާއިން ވަނީ މެޗު ކޮންޓްރޯލް ނަގާފައެވެ. މި ދެޕެނަލްޓީއާއެކު ބާސާއަށްވަނީ މިސީޒަނުގައި ޖުމްލަ 9 ޕެނަލްޓީއެއް ލިބިފައެވެ. ރެއާލް އަށް ލިބިފައިވަނީ 13 ޕެނަލްޓީއެވެ.
ރޭގެމެޗުގައި ރަފީނިއާ ކާމިޔާބުކުރި ހެޓްރިކާއެކު ސެވިއްޔާގެ މައްޗަށް 5-2 އިން ކުރިހޯދައި، ލަލީގާ ތާވަލުގެ އެއްވަނައިގައި ބާސެލޯނާއިން ހަތަރު ޕޮއިންޓުގެ ލީޑެއް އަލުން ދަމަހައްޓައިފިއެވެ. މި މޮޅާއެކު ހަންސީ ފްލިކްގެ ޓީމުން ވަނީ ލީގު ނިމެން 10 މެޗު ބާކީ އޮއްވާ ތާވަލުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ.

Ad by Hajj Corporation
ކޭމްޕް ނޯގައި ކުޅުނު މި މެޗުގެ ކުރީކޮޅު ބާސެލޯނާއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. މެޗުގެ 9 ވަނަ މިނެޓުގައި ޖޮއާއޯ ކަންސޭލޯއަށް ސެވިއްޔާގެ ޖިބްރީލް ސޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ވަނީ ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. އޭގެ 12 މިނެޓު ފަހުން، ކަންސޭލޯ ހުއްޓުވަން އުޅުމުގެ ތެރޭގައި ހޯސޭ އޭންޖެލް ކާމޯނާގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ދެވަނަ ޕެނަލްޓީވެސް ރަފީނިއާ ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ބާސެލޯނާގެ ތިންވަނަ ލަނޑު ޖަހައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮސޯ ވަނީ ސެވިއްޔާއަށް ލަނޑެއް ކާމިޔާބުކޮށްދީ އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 51 ވަނަ މިނެޓުގައި ރަފީނިއާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ސެވިއްޔާއިން މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރަމުންދިޔަ އުންމީދުތައް ނަގާލާފައެވެ.
ބާސެލޯނާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މޮޅު ކުޅުމެއް ދެއްކި ޖޮއާއޯ ކަންސޭލޯއެވެ. މިއީ ބާސެލޯނާއަށް އެނބުރި އައުމަށްފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ސެވިއްޔާގެ ޖިބްރީލް ސޯ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް ބާސެލޯނާގެ ވަރުގަދަ ކުޅުމަށް މި ލަނޑުން އެއްވެސް ބަދަލެއް ނުގެނެވުނެވެ.
މި މެޗުގައި ރަފީނިއާ ހެދި ރެކޯޑާއެކު، އޭނާ ވެފައިވަނީ މި ގަރުނުގައި ލަލީގާގެ އެއް މެޗެއްގައި ބާސެލޯނާއަށް ދެ ޕެނަލްޓީ ކާމިޔާބުކޮށްދިން ހަވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ކްލައިވަރޓް، އެޓޫ، މެސީ، ނޭމާ އަދި ސުއަރޭޒްއެވެ. ރަފީނިއާ ވަނީ މި ސީޒަނުގައި މިހާތަނަށް ލީގުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.


