ތެލުގެ އަގު އުފުލުމުން އައިއީއޭއިން އެމަޖެންސީ ސްޓޮކް ބާޒާރަށް ނެރެފި
16 މާރިޗު 2026 - 06:45

ޔަހޫދީންނާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއެކު އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުން ތެޔޮ ލިބުމަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، ބައިނަލްއަޤްވާމީ ހަަކަތައާބެހޭ އިދާރާ- އިންޓަރނޭޝަނަލް އެނަރޖީ އޭޖެންސީ (އައިއީއޭ) ގެ އެމަޖެންސީ ރިޒާވުން 400 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރޭނެ ކަމަށް އެއިދާރާއިން ބުނެފިއެވެ.
ގަލްފު ސަރަޙައްދާއި އިންޑިއާ ކަނޑާ ގުޅުވައިދޭ ހުރުމުޒް ކަނޑުއޮޅިއަކީ އެމަގު މެދުވެރިކޮށް ދުނިޔެއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ އުފުލާ މައި މަގެކެވެ. ހަނގުރާމައިގެ މި ޙާލަތުގައި އެ ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތްކުރާ އުޅަނދުފަހަރަށް އީރާނުން ދަނީ ހުރަސްއަޅަމުންނެވެ. އެއާއެކު އެސަރަހައްދުގައި ގިނަ އަދަދެއްގެ އުޅަނދުތަކެއް ވަނީ ތާށިވެފައެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
އައިއީއޭގެ މެންބަރު ޤައުމުތަކުގެ އަތުގައި 1.2 ބިލިއަން ފީފާއަށްވުރެ ގިނަ ޢަދަދެއްގެ އެމަޖެންސީ ތެޔޮ ސްޓޮކު ހުރެއެވެ. އަދި ތެޔޮ ކުންފުނިތަކުގެ ރިޒާވްގައި 600 މިލިއަނަށްވުރެ ގިނަ ފީފާ، ސަރުކާރުތަކުން ހިފަހައްޓާފައި ހުރެއެވެ.
އައިއީއޭއިން ބުނީ އޭޝިޔާއާއި އޯޝެނިއާގެ ޤައުމުތަކުން ތެލުގެ ސްޓޮކު ވަގުތުން ލިބެން ހުންނާނެ ކަމަށާއި، ވިލާތާއި ދެކުނު އަދި އުތުރު އެމެރިކާގެ ޤައުމުތަކަށް ސްޓޮކު ލިބޭނީ މާރިޗު މަހުގެ ފަހުކޮޅުގައި ކަމަށެވެ. ސަރުކާރުތަކުގެ ސްޓޮކުގައި ހުރި ތެލުން 271.7 މިލިއަން ފީފާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަޤީންކަން ޤައުމުތަކުން ދީފައިވާކަމަށް އައިއީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ތެޔޮ ކުންފުނިތަކުގެ ރިޒާވް ސްޓޮކުން 111.6 މިލިއަން ފީފާއާއި އެހެން މަސްދަރުތަކުން 23.6 މިލިއަން ފީފާ ލިބޭނެ ކަމަށް ވެސް އައިއީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އައިީއީއޭއިން ބުނީ 195.8 މިލިއަން ފީފާ ހޯދަނީ އުތުރާއި ދެކުނު އެމެރިކާގެ މެންބަރު ޤައުމުތަކުން ކަމަށެވެ. އޭގެ ތެރެއިން 172.2 މިލިއަން ފީފާއަކީ ސަރުކާރުތަކުގެ ސްޓޮކުން ހޯދާ ބައެއް ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން އޭޝިޔާ އޯޝެނިއާ ޤައުމުތަކުން 108.6 މިލިއަން ފީފާ ދޭއިރު، އޭގެ ތެރެއިން 66.8 މިލިއަން ފީފާއަކީ ސަރުކާރުތަކުގެ ސްޓޮކުން ނަގާ ބައެވެ. ވިލާތުން ވަނީ ސަރުކާރުތަކުން ދޫކުރާ 32.7 މިލިއަން ފީފާ ހިމެނޭ ގޮތަށް ޖުމްލަ 107.5 މިލިއަން ފީފާ ދޫކުރުމަށް އެެއްބަސްވެފައެވެ.


