ޕާކެއް ހެދުމަށް ޣާޒީ ބިލްޑިންގ ހުރި ބިން ސާފުކުރަނީ
16 މާރިޗު 2026 - 11:50

ޕާކެއް ހެދުމަށް ޣާޒީ ބިލްޑިންގ ހުރި ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ތަރައްގީކުރުމަށް ނިންމައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު މި މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއާއެވެ.
އެ ކުންފުނިން ބުނީ، ކުރީގެ ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ، އެ ބިން ސާފު ކުރުމުގެ މަސައްކަތާއި ވަށައިގެން ޓިނު ޖެހުމުގެ މަސައްކަތް ކަމަށެވެ.

Ad by Hajj Corporation
އިމާރާތް ކުރުމާއި ބެހޭ ވުޒާރާއިންއެ ކުންފުންޏާ ޙަވާލުކޮށްފައިވާ ޑިޒައިނަށް އެތަނުގައި ކުދިންނަށް ހިތްފަސޭހަ ކަމާއެކު ކުޅެލެވޭނެ ޕާކެއް ތަރައްގީކުރުމަށެވެ.
އަދި މީހުންނަށް އިށީދެ ތިބެވޭނެ ގޮތަށް އެތަން ތަރައްގީކުރެވޭނެ ކަމަށް އާރްޑީސީން ބުނެއެވެ. އެ ކުންފުނީގެ އަމާޒަކީ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންގޮސް 2 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމެވެ.
ޣާޒީ ބިލްޑިންގއަކީ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 26 ޖުލައި 1982 ގައި ހުޅުވައި ބޭނުންކުރަން ފެށި ޢިމާރާތެކެވެ. މި ޢިމާރާތް ނިސްބަތް ވަނީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކޮށްދެއްވި އަދި ރާއްޖޭގެ ޤައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޤައުމީ ބަޠަލު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާން) ގެ ހަނދާނަށެވެ.
41 އަހަރުވެފައިވާ މި ޢިމާރާތަކީ، ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންކުރި އެންމެ ދުވަސްވީ ޢިމާރާތެވެ. އެހެންނަމަވެސް ގިނަ ދުވަސްވުމުގެ ސަބަބުން އެ ޢިމާރާތް ވަރަށް ބޮޑަށް ބައުވެ، ހަލާކުވުމުގެ ސަބަބުން އެ އިމާރާތް ތަޅާލީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މީގެ އިތުރުން އެ ސަރަޙައްދު ހުރި ހުރަވީ ބިލްޑިންވެސް ބާއުވުމުގެ ސަބަބުން 2022 ވަނަ އަހަރު ވަނީ އެ އިމާރާތް ތަޅާލާފަައެވެ. ހުރަވީ ބިލްޑިންގ ހުރި ބިމުގައި މިހާރު ވަނީ، ޕާކިން ޒޯނެއް ތަރައްގީކޮށްފައެވެ.


