އެޒޭގެ ހިތްގައިމު ލަނޑާއެކު އާސެނަލް ކުއާޓާ ފައިނަލަށް ދަތުރުކޮށް ޓްރެބްލް ހޯދުމާއި ގާތަށް
18 މާރިޗު 2026 - 04:40
.jpg&w=3840&q=75)
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، އެގްރިގޭޓް 3-1 ގެ ނަތީޖާއަކުން އާސެނަލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ އެބެރެޗީ އެޒޭގެ ފަރާތުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލެވަކޫސަންގެ ކީޕަރު ޖާނިސް ބްލާސްވިޗް ވަނީ އާސެނަލްގެ ލިއަންޑްރޯ ޓްރޮސާޑް އަދި ބުކާޔޯ ސަކާ ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ. ނަމަވެސް، މެޗުގެ 36 ވަނަ މިނެޓުގައި އޭރިއާ ބޭރުން އެބެރެޗީ އެޒޭ ފޮނުވާލި ބާރުގަދަ ވޮލީ ހުއްޓުވުމަށް ކީޕަރަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސްއެވެ. ލެވަކޫސަންގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރައިސް ވަނީ އޭރިއާގެ އަރިމަތިން ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މެޗުގެ ފަހުކޮޅު ލެވަކޫސަންގެ ކްރިސްޓިއަން ކޮފާނޭ ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މި މެޗުގައި ލަނޑު ޖެހި އެޒޭ ވަނީ ތިއޯ ވަލްކޮޓަށްފަހު، އެއް ސީޒަނެއްގައި އާސެނަލްއަށް ޕްރިމިއާ ލީގު، ލީގު ކަޕް، އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ދެވަނަ އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެ އިތުރުން، މިއީ 2016 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލްގެ ދެ އިނގިރޭސި ކުޅުންތެރިން ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މި މޮޅާއެކު ކުއާޓާ ފައިނަލަށް ދަތުރުކުރި އާސެނަލް ދެން ބައްދަލުކުރަން ޖެހޭނީ ޕޯޗުގަލްގެ ސްޕޯޓިން ސީޕީއާއެވެ.
މީގެ އިތުުރުން އާސެނަލް އިންވަނީ މިސީޒަނުގައި ހުރިހާ ތަށްޓެއް ކާމިޔާބުކުރުމާއި ގާތަށް ޖެހިލާފައެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު އާސެނަލް އިން އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ސިޓީއާއި ދެކޮޅަށް ނިކުންނައިރު، އެފްއޭކަޕްގެ ކުއާޓަރ ފައިނަލުގައި އަންނަ ހަފްތާގައި ސައުތްހެމްޓަން އާއި ދެކޮޅަށް ނިކުންނާނެއެވެ. މީގެ އިތުުރުން އާސެނަލް މިވަގުތު އޮތީ ލީގުގައި މެންޗެސްޓަރ ސިޓީއަށްވުރެ 9 ޕޮއިންޓް ކުރީގައި އެއްވަނައިގައެވެ.


