ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީން ވެސް ތާއީދުކޮށްފި
18 މާރިޗު 2026 - 01:57

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި، އެ އިޞްލާޙަށް ތާއީދުކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

Ad by Hajj Corporation
މި އިޞްލާޙަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ހުށަހަޅާފައިވާ މުހިންމު ބަދަލެކެވެ. މި ބަދަލަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެނެވޭ ބޮޑު ބަދަލަކަށް ވާއިރު، އަދާލަތު ޕާޓީން ބުނީ 4 އެޕްރީލް 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި "ފެންނަކަމަށް" ވޯޓު ދިނުމަށް ނިންމީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކުރުމަށްފަހު ކަމަށެވެ.
މި އިޞްލާޙަށް ވެރިކަންކުރާ ޕީއެންސީއާއި ސަރުކާރުންވެސް ފުރިހަމައަށް ތާއީދުކުރެއެވެ. މީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާއި، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު އިސްކޮށް ހުންނަވާ އެމްޑީއޭ އިން ވެސް ވަނީ މި ބަދަލަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ އިންތިޚާބުތަކަށް ހިނގާ ޚަރަދު ކުޑަކުރުމަށާއި، އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ލުއިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ސިޔާސީ ޕާޓީތަކުން ދެކެއެވެ. މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާއިރު، ސިޔާސީ މަސްރަޙުގެ ގިނަ ފަރާތްތަކެއްގެ ތާއީދު މިހާރު ވަނީ މި ބަދަލަށް ލިބިފައެވެ.


