އެމެރިކާގެ ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ އިދާރާގެ ޑިރެކްޓަރު އިސްތިއުފާދެއްވައިފި
18 މާރިޗު 2026 - 07:17

އެމެރިކާއިން ޔަހޫދީންނާ ގުޅިގެން އިރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ދެކޮޅުހަދާ، އެޤައުމުގެ ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ އިދާރާގެ ޑިރެކްޓަރު ޖޯ ކެންޓު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
އެމެރިކާގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަކީ ނިރުބަވެރިކަމާ ގުޅުންހުރި ހިރާސްތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށާއި ޤައުމީ ޖާސޫސީ ޑިރެކްޓަރަށް ލަފާއަރުވާ ޤައުމީ އިދާރާއެވެ.
މަޤާމުން އިސްތިޢުފާ ދެއްވި ކަމުގެ ސިޓީ މީސްމީޑިއާގައި ޙިއްޞާ ކުރައްވަމުން ކެންޓު ވިދާޅުވީ، މިހާރު ހިނގަމުންދާ ހަނގުރާމައަށް ތާއީދުކުރުމަށް އޭނާގެ ޟަމީރު ފުރުޞަތު ނުދޭ ކަމަށެވެ. އީރާނުގެ ފަރާތުން އެމެރިކާއަށް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށާއި، އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ޔަހޫދީންނާއި ޔަހޫދީންނަށް ތާއީދުކުރާ އެމެރިކާގެ ބާރުގަދަ ޝަހުސިއްޔަތުތަކުގެ ފިއްތުންތަކުގެ ސަބަބުން ކަމަށް ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރު ޤައުމުތަކުގައި އެމެރިކާއިން އަސްކަރީ ގޮތުން ޙަރަކާތްތެރިވުން ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަޢުދުވެވަޑައިގެންފައިވާ ކަމަށާއި، މެެދުއިރުމަތީގައި އެމެރިކާއިން ކުރާ ހަނގުރާމަތަކަކީ ޤައުމު ދެކެ ލޯބިވާ އެމެރިކާ ރައްޔިތުންގެ ފުރާނަ ގެއްލޭ، އަދި އޭގެ ސަބަބުން ޤައުމުގެ ތަނަވަސްކަމާއި ހަމަޖެހުން ގެއްލޭ ކަމެއް ކަމަށް ޓްރަމްޕް ކުރިން ޤަބޫލުކުރެއްވި ކަމަށް ކެންޓު ވިދާޅުވިއެވެ.
ކެންޓުގެ އިސްތިޢުފާއަކީ ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށި ފަހުން އެމެރިކާގެ ސަރުކާރުން އިސްތިޢުފާ ދެއްވާފައިވާ އެންމެ ވަރުގަދަ އެއް ސަޚުސިއްޔަތެވެ.
2019 ވަނަ އަހަރު ކެންޓުގެ އަނބިކަނބަލުން އައިސިލްގެ ޙަމަލާއެއްގައި އަވަހާރަވުމާ ގުޅޭ ގޮތުން ވެސް އޭނާގެ އިސްތިޢުފާ ސިޓީގައި ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން އޭނާގެ އަނބިކަނބަލުން އަވަހާރަވީ ޔަހޫދީން އުފެއްދި ހަނގުރާމައެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާ ހަނގުރާމައެއް ކުރުމަށް ދެން އޮތް ޖީލު ފޮނޮވުމަށް އޭނާއަށް ތާއީދު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އީރާނު ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ 13 ސިފައިން މިހާތަނަށް މަރުވެފައިވެއެވެ.


