ކޮންޓްރެކްޓަރުންނަށް ލުއިތަކަކާއެކު އަގުހެޔޮ ފްލެޓްތައް އަޅަން ހުޅުވާލައިފި
18 މާރިޗު 2026 - 11:44

ކޮންޓްރެކްޓަރުންނަށް ލުއިތަކަކާއެކު އަގުހެޔޮ ފްލެޓްތައް އަޅަން ހުޅުވާލައިފިއެވެ.
ކުރީގެ އުސޫލު ބުނާގޮތުން މުޅި މަޝްރޫޢަށް ހޭދަވާ ޖުމުލަ ޚަރަދު ޑިވޮލޮޕަރު ދައްކާނެކަމުގެ "ޕްރޫގް އޮފް ފަންޑް" ހުށައަޅަންޖެހެއެވެ، އެހެންނަމަވެސް އުސޫލަށް ގެނައި ބަދަލުގައި ބުނެފައިވަނީ މިހާރު ހުށައަޅަން ޖެހޭނި މަޝްރޫޢުއަށް ހޭދަވާނެކަމަށް އަދަދު ބަޔާންކޮށް، މާލީ އިދާރާއަކުން ދޫކުރާ "ލެޓަރ އޮފް ކޮމްފޯޓް"ކަމަށެވެ.

Ad by Hajj Corporation
މީގެ އިތުރުން ޑިވެލޮޕަރަށް ދޭ ލުއިތަކެއްގެ ގޮތުން، ޕްރޮޖެކްޓަރ އާއްޖެއަށް އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ މާފުކުރުމާއި ފްލެޓް ގަންނަ މީހާއަށް އިންޝުއަރެންސް ފޯރުކޮށްދޭންޖެހޭގޮތަށް އޮތް އޮތުންވެސް ބަދަލުކޮށް، ޖޮއިން ވެންޗަރތައް ކުންފުނިތަކުގެ ޕްރޮޖެކްޓްގައި ބައިވެރިވެވޭނެ އުސޫލަށްވެސް ބައެއް ބަދަލު ވަނީ ގެނެސްއެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ 5 ބަޔަކަށް ބަހާލައިގެން، ކޮންމެ ޕެކޭޖަކީ 200 ހައުސިން ޔުނިޓްގެ ގޮތުގައެވެ. އެއް ކުންފުންޏަކަށް ގިނަވަގެން ދެވޭނީ 400 ހައުސިން ޔުނިޓްގެ މަސައްކަތެކެވެ. އެއީ މި ޕްރޮޖެކްޓްގައި ވީހާވެސް ގިނަ ދިވެހި އަމިއްލަ ކުންފުނިތަކަށް ފުރުޞަތު ހޯދައިދިނުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢުއަކީ ހުޅުމާލެ ފޭސް 3ގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހުޅުވާލާފައިވަނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އެ ވުޒާރާއިން ވިދާޅުވީ ދިވެހި ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކަށް ޙިއްސާ އިތުރުކޮށް، ކުރިއެރުމަށް ފުރުޞަތު ހޯދައިދިނުންކަމަށެވެ.
ތިން ކޮޓަރިއާއި ދެ ކޮޓަރީގެ އެޕަރޓްމަންޓްތައް ހިމެނޭއިރު، 3 ކޮޓަރީގެ އަގަކީ އެންމެ ބޮޑުވެގެން 2.3 މިލިޔަން ރުފިޔާއެވެ. އަދި ދެ ކޮޓަރި ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިޔަން ރުފިޔާއެވެ.
މި މަސައްކަތަށް ޕްރޮޕޯސަލް ހުށައެޅުމަށް ކުރިން ނިންމާފައިވަނީ މިމަހުގެ 23ވަނަ ދުވަހަށް ނަމަވެސް، މި ގެނައި ބަދަލުތަކާއެކު މިހާރު ވަނީ މިމަހުގެ 31އަށް ވަގުތު އިތުރުކޮށްފައެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން 7900 ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރުވެސް އެކި މަރުޚަލާގައި ދަނީ ކުރިއަށެވެ.


