އީރާނަކީ އެމެރިކާ އަށް ބޮޑު ނުރައްކަލެއްކަމަށް ޓްރަމްޕް ކުރާ ދައުވާއަށް އެމެރިކާގެ ޑައިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް އެއްބަހެއްނޫން
18 މާރިޗު 2026 - 21:52

އީރާނަކީ އެމެރިކާއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ދަޢުވާއަށް ފުރިހަމައަށް ތާއީދުކުރައްވަން އެމެރިކާގެ ޑައިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް ތުލްސީ ގަބާޑް ދެކޮޅު ހައްދަވައިފިއެވެ.
ގަބާޑް މިހެން ވިދާޅުވީ ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީގައި ޑިމޮކްރެޓުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation
ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީގައި ގަބާޑް ދެއްވި ބަޔާނުން ހާމަވެގެންދިޔައީ، ހަނގުރާމަ ފެށުނުތާ ތިންވަނަ ހަފުތާއަށް ދާއިރު، ސަރުކާރުގެ އިސް އޮފިޝަލުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމެވެ. އަދި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ތެރޭގައިވެސް މި ހަނގުރާމައާ ދެކޮޅުވެރިކަން އިތުރުވަމުންދާކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައެވެ.
ގަބާޑް ތައްޔާރުކުރައްވާފައިވާ ބަޔާނުގައި، މިދިޔަ އަހަރު އެމެރިކާއިން ދިން ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ މަޝްރޫޢު "ސުންނާފަތިކޮށްލާފައިވާ" ކަމަށް ވިދާޅުވެ ޓްރަމްޕް ތަކުރާރުކޮށް ދައްކަވާ ވާހަކަފުޅަށް އިޝާރާތް ކުރެއްވިއެވެ. ނަމަވެސް، އެ ހާދިސާއަށްފަހު އީރާނުން އަލުން އެ ޤާބިލުކަން ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ގަބާޑް ވަނީ ފާހަގަކުރައްވާފައެވެ.
މިދިޔަ މަހު ޓްރަމްޕް ހަނގުރާމަ ފެއްޓެވުމުގެ ކުރިން، އީރާނަކީ އެމެރިކާއަށް އޮތް "ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް" ކަމަށް ގަބޫލުކުރައްވާތޯ ތަކުރާރުކޮށް ސުވާލުކުރުމުންވެސް، އެކަމަށް ސީދާ ޖަވާބެއް ދެއްވަން ގަބާޑް ވަނީ އިންކާރު ކުރައްވާފައެވެ. ޓްރަމްޕް އީރާނަށް ހަމަލާދޭން ނިންމެވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އެއީ ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށް ވާތީއެވެ.
މިކަމާ ގުޅޭގޮތުން ގަބާޑް ވިދާޅުވީ، "ވަގުތުން ކުރިމަތިވެދާނެ ނުރައްކަލަކީ ކޮބައިކަން ކަނޑައެޅުމަކީ އިންޓެލިޖެންސް މުޖުތަމަޢުގެ ޒިންމާއެއް ނޫން. އެއީ ރައީސަށް އޮތް އިޚްތިޔާރެއް" ކަމަށެވެ. މިކަމާ ގުޅިގެން ޑިމޮކްރެޓިކް ސެނެޓަރ ޖޯން އޮސޮފް ވިދާޅުވީ، ކަމުގެ ޙަޤީޤަތް ހާމަކޮށްފިނަމަ ވައިޓް ހައުސްގެ ބަޔާނާ ފުށުއަރާނެތީ، ގަބާޑް ގެންދަވަނީ ސީދާ ޖަވާބެއް ނުދެއްވައި ރެކިވަޑައިގަންނަވަމުން ކަމަށެވެ.
މި ކުރިމަތިލުންތަކުން ހާމަވެގެންދިޔައީ އީރާނުގެ މައްސަލައިގައި ގަބާޑް ހުންނެވި އުނދަގޫ މަޤާމެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، ގަބާޑަކީ އީރާނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ފިޔަވަޅު އެޅުމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުއްލެވި ބޭފުޅެކެވެ. މިއީ ބޭރުގެ ހަނގުރާމަތަކުގައި އެމެރިކާ ބައިވެރިވުމާ ދެކޮޅަށް ރިޕަބްލިކަން ޕާޓީގެ ތެރޭގައި އޮތް ޢާންމު ވިސްނުމާ އެއްގޮތް ކަމެކެވެ.


