މެދުއިރުމަތީގައި ނިއުކްލިއާ ކާރިސާއެއްގެ ބިރުވެރިކަން ބޮޑުވެ، ސިއްހަތު ޖަމިއްޔާ ތައްޔާރީ ހާލަތަށް
18 މާރިޗު 2026 - 23:15

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަވެ، ނިއުކްލިއާ ކާރިސާއެއް ހިނގައިފާނެ ހާލަތަކަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އޮފިޝަލުން ތައްޔާރުވާން ފަށައިފިއެވެ.
އދ. ގެ މުވައްޒަފުން ދަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވަރަށް ގާތުން ބަލަމުންނެވެ. ޑަބްލިއު.އެޗް.އޯގެ އީސްޓަން މެޑިޓަރޭނިއަން ސަރަހައްދީ ޑައިރެކްޓަރު ހަނާން ބަލްޚީ 'ޕޮލިޓިކޯ' ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިމަތިވެދާނެ އެންމެ ގޯސް ހާލަތަކީ ނިއުކްލިއާ ހާދިސާއެއް ހިނގުން ކަމަށާއި، އެއީ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކަންތައް ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ތައްޔާރުވި ނަމަވެސް، މިފަދަ ކާރިސާއަކުން ސަރަހައްދަށާއި މުޅި ދުނިޔެއަށް ލިބޭނެ ގެއްލުންތައް ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ނޭދެވޭ އަސަރުތައް އެތައް އަހަރަކަށް ދެމިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މިދިޔަ ޖޫން މަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން ދަނީ އީރާނުގެ ނިއުކްލިއާ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ. އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ ގައުމުގެ ފޯޑޯ، އިސްފަހާން އަދި ނަޠަންޒްގައި ހުރި މަރުކަޒުތަކަށް ވަނީ ހަމަލާދީފައެވެ. އަދި ފެބްރުއަރީ 28 އިން ފެށިގެން އާ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އިސްރާއީލާއި ޔޫއޭއީގައި ހުރި ނިއުކްލިއާ މަރުކަޒުތަކަކީ ވެސް އީރާނުގެ މިސައިލް ހަމަލާތައް ފޯރާފާނެ ރޭންޖެއްގައި ހުރި ތަންތަނެވެ.
ނިއުކްލިއާ ހާދިސާއެއްގެ ސަބަބުން ނުރައްކާތެރި މިންވަރަށް ރޭޑިއޭޝަނަށް ހުށަހެޅިއްޖެ ނަމަ، ފުއްޕާމެޔާއި ހަމަށް ވަގުތުން ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން، ކެންސަރާއި ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. މީގެ ކުރިން 1986 ވަނަ އަހަރު ޗާނޯބީލްގައި ހިނގި ހާދިސާއާއި 1945 ވަނަ އަހަރު ހިރޯޝީމާ އަދި ނަގަސާކީއަށް ދިން ނިއުކްލިއާ ހަމަލާތަކުގެ ތާރީޚުން ފެންނަން އޮތީ ބިރުވެރި ނަތީޖާތަކެކެވެ.
ހަނގުރާމަ ކުރިއަށްދާއިރު، ސިއްހީ ނިޒާމުތަކަށް ދެމުންދާ ހަމަލާތައް ވެސް ޑަބްލިއު.އެޗް.އޯ އިން ވަނީ ކުށްވެރިކޮށްފައެވެ. ފެބްރުއަރީ 28 އިން ފެށިގެން އީރާނާއި ލުބުނާނުގައި ސިއްހީ ޚިދުމަތްތެރިންނަށް އަމާޒުކޮށް 46 ހަމަލާއެއް ދީފައިވާއިރު، އޭގެ ތެރޭގައި 38 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އިސްރާއީލުން ލުބުނާނުގެ ސިއްހީ މަރުކަޒުތަކަށް ދިން ނުރައްކާތެރި ހަމަލާތައް ހިމެނެއެވެ.


