އިސްރާއީލުގެ މޮސާޑަށް ޖާސޫސުކޮށްދޭކަމަށް ސާބިތުވި މީހަކު އީރާނުގައި ދަންޖައްސައިފި
18 މާރިޗު 2026 - 22:15

އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވެ، ކޫރޮޝް ކޭވާނީ ނަމަކަށް ކިޔާ މީހަކު އީރާނުން މިއަދު ދަންޖައްސައިފިއެވެ.
އީރާނުގެ ޖުޑީޝަރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ސްވިޑަން އާއި އީރާނުގެ ރައްޔިތުކަން އޮންނަ ކޭވާނީގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 2026 މާރިޗު 18 ވާ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ކަރަޖްގައި ހުންނަ ޤެޒަލް ހެސާރު ޖަލުގައި އޭނާ ދަންޖައްސާފައިވާއިރު، މިއީ ފެބުރުވަރީ މަހުގެ ފަހުކޮޅު ސަރަހައްދީ ހަމަނުޖެހުންތައް ފެށުނު ފަހުން، ޖާސޫސީ ކުށެއްގައި މީހަކު މަރާލިކަން އީރާނުން އާންމުކޮށް އިއުލާންކުރި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation
ކޭވާނީ ހައްޔަރުކޮށްފައިވަނީ 2025 ޖޫން 16 ގައެވެ. އެއީ އީރާނާއި އިސްރާއީލާ ދެމެދު ހިނގި "12 ދުވަހުގެ ހަނގުރާމަ" ގެ ހަތަރުވަނަ ދުވަހެވެ. އޭނާ އަތުލައިގަތީ އަލްބޯރްޒް ޕްރޮވިންސްގެ ސާވޮޖްބޮލާގް ކައުންޓީގައި ހުރި ފޮރުވިފައިވާ ވިލާއަކުންނެވެ.
އީރާނުގެ ޖުޑީޝަރީއާ ގުޅުންހުރި މީޒާން ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރި އިރު ޖާސޫސީ މަސައްކަތްތަކަށް ބޭނުންކުރާ ގިނަ އާލާތްތަކެއް ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި 30,000 ޔޫރޯގެ ފައިސާ އާއި، އެކި ކަހަލަ ބިންތަކުގައި ދަތުރުކުރުމަށް ބޭނުންކުރާ ޕަދްރާ ޕިކަޕަކާއި "ކްރޮސް" މޮޓޯސައިކަލެއް ހިމެނެއެވެ. މީގެ އިތުރުން ސެޓެލައިޓް މުވާސަލާތީ އާލާތްތަކާއި، ލެޕްޓޮޕް އަދި ސަވޭލަންސް އިކުއިޕްމަންޓްގެ އިތުރުން، އީރާނުގެ އަސްކަރީ އަދި މުހިންމު އިންފްރާސްޓްރަކްޗާ ސައިޓްތަކުގެ މަތީ ފެންވަރުގެ ފޮޓޯތަކާއި ކޯޑިނޭޓްތައް އޭނާގެ އަތުން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަސްނީމް ނިއުސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، ކޭވާނީ އިސްރާއީލުގެ ޖާސޫސީ އިދާރާއާ ގުޅުނީ 2023 ވަނަ އަހަރު ސްވިޑަންގައި ދިރިއުޅެމުން ދިޔަ ދުވަސްވަރުއެވެ. އޭނާ މޮސާޑުގެ މަޅީގައި ޖެހުނީ ގްރޫޕް ދަތުރުތަކާ ބެހޭގޮތުން ޖަހާފައިވާ އޮޅުވާލުންތަކެއް ހިމެނޭ ފޭކް އިޝްތިހާރަކަށް ޖަވާބު ދިނުމުންނެވެ. އީރާނުގެ އޮފިޝަލުން ބުނާ ގޮތުގައި، އޭނާގެ މާލީ ދަތިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ޖަރުމަނު، ފަރަންސޭސިވިލާތް، އޮސްޓްރިއާ، ބެލްޖިއަމް އަދި ތަލް އަބީބުގައި އޭނާއަށް ވަނީ ޖާސޫސީ ތަމްރީނުތައް ދީފައެވެ.
ކޭވާނީގެ މަރުގެ އަދަބާ ގުޅިގެން ސްވިޑަންގެ ފޮރިން މިނިސްޓްރީން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އޭނާގެ މައްޗަށް ހިންގި ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއްގެ މިންގަނޑުތަކަށް ފެތޭ ކަމެއް ނޫން ކަމަށެވެ.
ކޭވާނީއަކީ 2026 ވަނަ އަހަރު ފެށުނު ފަހުން ޖާސޫސީ ކުށުގައި އީރާނުން މަރުގެ އަދަބު ދިން ތިންވަނަ މީހާއެވެ. މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު ވަނީ އަލީ އަރުދަސްތާނީ އާއި ހާމިދު ރިޒާ ސާބިތު އިސްމާއީލްޕޫރުގެ މައްޗަށްވެސް މަރުގެ އަދަބު ތަންފީޒުކޮށްފައެވެ.


