ޔަމާލް އާއި ރަފީނިއާގެ މޮޅު ކުޅުމާއެކު ނިއުކާސަލް ހަމަބިމަށް ތިރިކޮށް ބާސެލޯނާ ކުއާޓާ ފައިނަލަށް
19 މާރިޗު 2026 - 04:32

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ނިއުކާސަލް ޔުނައިޓެޑް 7-2 އިން ބަލިކޮށް، އެގްރިގޭޓް 8-3 ގެ ނަތީޖާއަކުން ބާސެލޯނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކޭމްޕް ނޯގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް އާއި ރަފީނިއާ ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ހަވަނަ މިނެޓުގައި ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ރަފީނިއާ ވަނީ ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން ނިއުކާސަލްގެ އެންތަނީ އެލަންގާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބާސެލޯނާގެ މާކް ބާނަލް އަލުން ލީޑު ހޯދައިދީފައި ވަނިކޮށް، އެލަންގާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ޔަމާލް ވަނީ ބާސެލޯނާއަށް އަލުން ލީޑު ހޯދައިދީފައެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި ބާސެލޯނާގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. ފާމިން ލޮޕޭޒް ބާސެލޯނާގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހު ލަނޑު ޖަހައިދިނީ ރަފީނިއާއެވެ. މި މެޗުގައި ރަފީނިއާ ވަނީ ދެ ލަނޑު ޖަހައި ދެ އެސިސްޓް ހަދާފައެވެ.
މި މެޗުގައި ލަމީން ޔަމާލް ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި 10 ލަނޑު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ގާއިމްކޮށްފައެވެ. އޭނާ މި ރެކޯޑު ހެދީ 18 އަހަރާއި 248 ދުވަހުގައެވެ. އަނެއްކޮޅުން ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގު މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑު (37 އަހަރާއި 209 ދުވަސް) މުގުރާލާފައެވެ.
ކުއާޓާ ފައިނަލުގައި ބާސެލޯނާ ބައްދަލުކުރަން ޖެހޭނީ އެތުލެޓިކޯ މެޑްރިޑް ނުވަތަ ޓޮޓެންހަމް ހޮޓްސްޕާގެ ތެރެއިން މޮޅުވާ ޓީމަކާއެވެ. މުޅި މެޗުގައި ބާސެލޯނާއިން 18 ހަމަލާ އުފެއްދިއިރު، ނިއުކާސަލްއަށް އުފެއްދިފައިވަނީ އެންމެ 7 ހަމަލާއެވެ.
ކުއާޓަރ ފައިނަލުގައި ބާސެލޯނާ ނިކުންނާނީ އެތްލެޓިކޯ މެޑްރިޑްއާއި ދެކޮޅަށެވެ. ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގު ކުޅޭނީ ބާސާގެ ދަނޑުގައެވެ.


