ހެރީކޭންގެ 50 ވަނަ ގޯލާއެކު ރެއާލް އާއި ދެކޮޅަށް ކުއާޓަރ ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ބަޔާންއިން ހޯދައިފި
19 މާރިޗު 2026 - 04:33
.jpg&w=3840&q=75)
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ އިޓަލީގެ އަޓަލާންޓާ 4-1 އިން ބަލިކޮށް، އެގްރިގޭޓް 10-2 ގެ ބޮޑު ނަތީޖާއަކުން ބަޔާން މިއުނިކް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުގައި ބަޔާންގެ ކެޕްޓަން ހެރީ ކޭން ވަނީ ދެ ލަނޑު ޖަހައި، ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 50 ވަނަ ލަނޑު ހަމަކޮށްފައެވެ.
ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކޭންއެވެ. މިއީ އަޓަލާންޓާގެ ޖިއޯޖިއޯ ސްކަލްވީނީ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. ކޭން ފުރަތަމަ ފޮނުވާލި ޕެނަލްޓީ ކީޕަރު މާކޯ ސްޕޯޓިއެލޯ މަތަކުރި ނަމަވެސް، ކޭން ފޮނުވާލުމުގެ ކުރިން ކީޕަރު ރޮނގުން ކުރިއަށް އަރާފައިވާތީ އަލުން ޖެހި ޕެނަލްޓީ ކޭން ވަނީ ގޯލަށް ވައްދާލާފައެވެ.

Ad by Hajj Corporation
މެޗުގެ 54 ވަނަ މިނެޓުގައި ކޭން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން ޒުވާން ކުޅުންތެރިޔާ ލެނާޓް ކާލް ވަނީ ލަނޑެއް ޖަހާފައެވެ. އަދި 70 ވަނަ މިނެޓުގައި ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒްއެވެ. އަޓަލާންޓާގެ ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅު ބޮލުން ޖަހައިދިނީ ލަޒާ ސަމަރްޖިޗްއެވެ.
ހެރީ ކޭން ޗެމްޕިއަންސް ލީގުގެ 50 ލަނޑު ހަމަކުރީ 66 މެޗުންނެވެ. މިއަށްވުރެ މަދު މެޗުން މި އަދަދަށް ލަނޑު ހަމަކުރީ ހަމައެކަނި އާލިން ހާލަންޑް (49 މެޗު) އަދި ރޫޑް ވަން ނިސްޓެލްރޫއީ (62 މެޗު) އެވެ. މީގެ އިތުރުން ކޭން ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި 47 ލަނޑު ޖަހައި، ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.
މި މެޗުގައި ބަޔާންގެ ޒުވާން ކުޅުންތެރިޔާ ލެނާޓް ކާލް (18 އަހަރު) ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލަނޑެއް ޖަހައި އެސިސްޓެއް ކުރި ޖަރުމަނުގެ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ބައްދަލުކުރަން ޖެހޭނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއެވެ. މި ކުރިމަތިލުން ވެގެންދާނީ މުބާރާތުގެ އެންމެ ފޯރިގަދަ އެއް މެޗަށެވެ.


