logo
Bank of Maldives

Bank of Maldives

ރިޕޯޓް

ޢީދުލްފިޠުރު: އޭގެ ޙުކުމްތަކާއި، ސުންނަތްތަކާއި، ޢީދާއި ހުކުރު ދިމާވުމުން އަމަލުކުރާނެ ގޮތް

އިސްމާޢިލް ރާތިޢު
19 މާރިޗު 2026 - 10:03
ޢީދުލްފިޠުރު: އޭގެ ޙުކުމްތަކާއި، ސުންނަތްތަކާއި، ޢީދާއި ހުކުރު ދިމާވުމުން އަމަލުކުރާނެ ގޮތް

ޢީދުލްފިޠުރަކީ އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކުގެ ތެރެއިން ހިމެނޭ ދުވަހެކެވެ. މިއީ ރަމަޟާން މަހުގެ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށްފަހު، މުސްލިމުން އުފާފާޅުކުރުމަށްޓަކައި ﷲ ތަޢާލާ ދެއްވާފައިވާ ދުވަހެކެވެ. މި ދުވަހަކީ ރޯދައާއި ރޭއަޅުކަމުގެ ނިޢުމަތް ދެއްވިކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވުމުގެ ދުވަހެކެވެ. ޢީދު ދުވަހުގައި މުސްލިމުން ސަމާލުކަން ދޭންޖެހޭ ޚާއްޞަ ޙުކުމްތަކާއި، ސުންނަތްތަކާއި، އަދަބުތަކެއްވެއެވެ.

ޢީދު ނަމާދުގެ ޙުކުމް

Ad by Hajj Corporation

Ad by Hajj Corporation

ޢީދު ނަމާދަކީ އިސްލާމްދީނުގައި ކަނޑައެޅިގެންވާ އަޅުކަމެކެވެ. ގިނަ ޢިލްމުވެރިން (ޝާފިޢީ މަޛްހަބާއި މާލިކީ މަޛްހަބު) ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ފަރުޟު ކިފާޔާއެކެވެ. ނަމަވެސް ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންނާއި، އިބްނު ތައިމިއްޔާ ފަދަ ބައެއް ބޮޑެތި ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟު ޢައިނެކެވެ.

ASH_4015-scaled.jpg

 

ދަލީލުތައް:

ކީރިތި ޤުރުއާނުން:

﴿فَصَلِّ لِرَبِّكَ وَانْحَرْ﴾

މާނައީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ނަމާދު ކުރައްވާށެވެ! އަދި އުޟްޙިޔާ ކަތިލައްވާށެވެ!" (ސޫރަތުލް ކައުޘަރު: 2)

ބައެއް ޢިލްމުވެރިން މި އާޔަތުން ޢީދު ނަމާދުގެ ޝަރުޢީކަން ސާބިތުކުރައްވައެވެ.

ސުންނަތުން:

އުއްމު ޢަޠިއްޔާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ: "ޢީދުލްފިޠުރާއި ޢީދުލްއަޟްޙާގައި (ނަމާދަށް) ނުކުތުމަށް ތިމަންމެންނަށް އަމުރުކުރެއްވިއެވެ..." (ބުޚާރީ: 971، މުސްލިމް: 890)

މިއިން ދޭހަވަނީ އަންހެނުންވެސް ހިމެނޭހެން ޢީދު ނަމާދުގެ ޝިޢާރު ފާޅުކުރުމުގެ މުހިންމުކަމެވެ.

ޢީދުލްފިޠުރުގެ ސުންނަތްތަކާއި އަދަބުތައް

ތަކުބީރު ކިޔުން:

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސުނީއްސުރެ، ޢީދު ނަމާދު ފަށަންދެން ތަކުބީރު ކިޔުން ސުންނަތްވެގެންވެއެވެ.

ދަލީލު: ﴿وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ﴾ (އަލްބަޤަރާ: 185) މާނައީ: "އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްވިކަމަށްޓަކައި، ތިޔަބައިމީހުން ﷲ އަށް ތަކުބީރު ކިޔައި އުޅުމަށްޓަކައެވެ."

ތަކުބީރުގެ ސީޣާ: "ﷲ އަކްބަރު، ﷲ އަކްބަރު، ލާ އިލާހަ އިއްލަﷲ، ވަﷲ އަކްބަރު، ﷲ އަކްބަރު، ވަލިﷲ ހިލް ޙަމްދު"

IMG_1485-scaled.jpg

 

ހިނައިގަތުމާއި، ހުވަަނދުލުމާއި، ރީތި ހެދުން އެޅުން:

ޞަޙާބީ ބޭކަލުން ޢީދު ދުވަހަށް ޒީނަތްތެރިވެވަޑައިގަންނަވައެވެ. އިބްނު ޙަޖަރު 'ފަތުޙުލް ބާރީ' ގައި ވިދާޅުވެފައިވަނީ: "އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ޢީދު ނަމާދަށް ވަޑައިގަތުމުގެ ކުރިން ހިނައިގަންނަވާ ކަމުގައެވެ."

ނަމާދަށް ނުކުތުމުގެ ކުރިން ކެއުން

ޢީދު ނަމާދަށް ދިއުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކެއުމަކީ ސުންނަތެކެވެ. ޚާއްޞަކޮށް ފިޠުރު ޢީދު ދުވަހު ނަމާދަށް ދިއުމުގެ ކުރިން ކުލަދު އޮށްތަކެއް ކެއުން ސުންނަތްވެގެންވެއެވެ.

ދަލީލު:

"ﷲ ގެ ރަސޫލާ ﷺ ފިޠުރު ޢީދު ދުވަހު ކުލަދު އޮށްތަކެއް ފަރިއްނުކުޅުއްވައި (ނަމާދަށް) ވަޑައެއް ނުގަންނަވައެވެ."

(ޞަޙީޙުލް ބުޚާރީ: 953)

މުޞައްލައަށް (ނަމާދުކުރާ ހާމަ ބިމަށް) ނުކުތުން

ޢީދު ނަމާދު މިސްކިތުން ބޭރުގައިވާ ހާމަ ބިމެއްގައި (މުޞައްލައެއްގައި) ކުރުމަކީ ސުންނަތެކެވެ.

0K0A4913-scaled.jpg

 

ދިޔަ މަގު ނޫން އެހެން މަގަކުން އެނބުރި އައުން

ޢީދު ނަމާދަށް ދާއިރު ދިޔަ މަގު ނޫން އެހެން މަގަކުން އެނބުރި ގެއަށް އައުމަކީ ސުންނަތްވެގެންވާ ކަމެކެވެ.

ދަލީލު:

"ނަބިއްޔާ ﷺ ޢީދު ދުވަހެއް ނަމަ (ނަމާދަށް ވަޑައިގަންނަވާ މަގާއި އެނބުރި ވަޑައިގަންނަވާ) މަގު ތަފާތު ކުރައްވައެވެ."

(ޞަޙީޙުލް ބުޚާރީ: 986)

ޢީދުގެ ތަހުނިޔާ ބަދަލުކުރުން

މީސްތަކުން އެކަކު އަނެކަކަށް "تقبل الله منا ومنكم" (ﷲ އަޅަމެންނާއި ތިޔަބޭފުޅުންގެ ހެޔޮ އަމަލުތައް ގަބޫލުކުރައްވާށި) ފަދަ އިބާރާތްތަކުން ތަހުނިޔާ ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. އަޞްޙާބު ބޭކަލުންގެ ކިބައިން އެބޭކަލުން އެކަކު އަނެކަކަށް ތަހުނިޔާ ވިދާޅުވިކަން ސާބިތުވެއެވެ.

0K0A1078-1-scaled.jpg

 

ފިޠުރު ޒަކާތް

ޙުކުމް:

ފިޠުރު ޒަކާތަކީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

ދަލީލު:

"ﷲ ގެ ރަސޫލާ ﷺ ފިޠުރު ޒަކާތް ފަރުޟު ކުރެއްވިއެވެ..."

(ޞަޙީޙުލް ބުޚާރީ: 1503 އަދި ޞަޙީޙު މުސްލިމް: 984)

ޢީދު ނަމާދު ކުރާ ވަގުތު:

އެންމެ މޮޅު އިތުރުވެގެންވާ ވަގުތަކީ: ޢީދު ނަމާދުގެ ކުރިންނެވެ.

އަދި ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިންވެސް (ފިޠުރު ޒަކާތް) ނެރުން ހުއްދަވެގެންވެއެވެ.

big_JrizhVxFQi3e57jm9mDrK3s6B.jpg

 

ޢީދު ނަމާދު ކުރާނެ ގޮތް

ޢީދު ނަމާދަކީ ދެ ރަކުޢަތުގެ ނަމާދެކެވެ.

ފުރަތަމަ ރަކުޢަތުގައި: އިތުރު ހަތް ތަކުބީރު (ތަކުބީރަތުލް އިޙްރާމްގެ އިތުރުން) ކިޔަންވާނެއެވެ.

ދެވަނަ ރަކުޢަތުގައި: ފަސް ތަކުބީރު ކިޔަންވާނެއެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ:

"ފިޠުރު ޢީދާއި އަޟްޙާ ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ހަތް ތަކުބީރު..." (އަބޫ ދާއޫދު: 1149)

ޢީދު ދުވަހާއި ހުކުރު ދުވަސް އެއްދުވަހަކާ ދިމާވުން

މިއީ ވަރަށް މުހިންމު މައްސަލައެކެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް ހުއްޓެވެ.

ފުރަތަމަ ރައުޔު (ޙަނަބަލީ މަޛްހަބާއި ބައެއް ސަލަފުއްޞާލިޙުންގެ ބަސްފުޅު):

ޢީދު ނަމާދު ކޮށްފި މީހާގެ ކިބައިން އެދުވަހުގެ ހުކުރު ނަމާދު ސާޤިޠުވާނެއެވެ (އެބަހީ: ހުކުރަށް ދިއުން ލާޒިމެއް ނުވާނެއެވެ). އޭގެ ބަދަލުގައި އޭނާ ކުރާނީ މެންދުރު ނަމާދެވެ.

ދަލީލު:

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ:

"ތިޔަބައިމީހުންގެ މިއަދުގައި ދެ ޢީދެއް (ޢީދާއި ހުކުރު) އެއްވެއްޖެއެވެ. ފަހެ، (ޢީދު ނަމާދު ކުރުމުން) ހުކުރު ނަމާދުގެ ބަދަލުގައި އެ ފުދޭނެކަމަށް ބޭނުންވާ މީހަކަށް އެފުރުޞަތު އެބައޮތެވެ. ނަމަވެސް ތިމަންކަލޭގެފާނު ހުކުރު ކުރައްވާނަމެވެ."

(ރިވާކުރެއްވީ: އަބޫ ދާއޫދު: 1073، އަދި އިބްނު މާޖާ: 1311. އަލްބާނީ މި ޙަދީޘް ޞައްޙަ ކުރައްވާފައިވެއެވެ).

ASH_1593-scaled.jpg

 

ދެވަނަ ބަސްފުޅު (މާލިކީ އަދި ޝާފިޢީ މަޛްހަބު):

ޢީދު ނަމާދު ކުރި ނަމަވެސް ހުކުރު ނަމާދު ساقطއެއް ނުވާނެއެވެ. އަދި ހުކުރު ވާޖިބުވާ ކޮންމެ މީހެއްގެ މައްޗަށް އެ ނަމާދު ވާޖިބުވެގެންވެއެވެ.

ތިންވަނަ ބަސްފުޅު (ޙަނަފީ މަޛްހަބު):

ހުކުރު ނަމާދަކީ ވާޖިބެކެވެ. އެއްވެސް ޙާލެއްގައި އެ ނަމާދު ساقطއެއް ނުވާނެއެވެ.

ޞަޙާބީންގެ ޢަމަލުފުޅުތައް:

ޢީދު ދުވަހު ހުކުރު ނަމާދު ދޫކޮށްލުމުގެ ލުޔަށް (رخصة އަށް) ބައެއް ޞަޙާބީން ޢަމަލުކުރެއްވިކަން ސާބިތުވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

ޢަބްދުﷲ ބިން ޢައްބާސް رضي الله عنهما

ޢަބްދުﷲ ބިން އައްޒުބައިރު رضي الله عنه

އަބޫ ދާވޫދު (1071) ރިވާކުރައްވާފައިވާ ގޮތުގައި:

އިބްނު އައްޒުބައިރު رضي الله عنه ދުވަހުގެ ކުރީކޮޅު ޢީދު ނަމާދު ކުރެއްވުމަށްފަހު، ހުކުރު ނަމާދަކަށް ނުނިކުންނަވައެވެ. އަދި ވިދާޅުވިއެވެ: "ރަސޫލުﷲ ﷺ ޢަމަލުކުރެއްވީ މިފަދައިންނެވެ."

(މި ޢަމަލު ނަބިއްޔާ ﷺ އަށް ނިސްބަތްކުރުމުގެ ޞައްޙަކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި ނަމަވެސް، ޞަޙާބީން އެގޮތަށް ޢަމަލުކުރެއްވިކަން ސާބިތުވެއެވެ.)

ރާޖިޙް ގޮތް (ބޮޑަށް ބުރަވެވޭ ގޮތް):

އެންމެ ރަނގަޅު ގޮތަކީ - والله أعلم - އަންނަނިވި ގޮތެވެ:

ޢީދު ނަމާދު ކުރި މީހާއަށް ހުކުރު ނަމާދު ދޫކޮށްލުމުގެ ލުއި ލިބިގެންވެއެވެ.

ނަމަވެސް، އެފަދަ މީހުން މެންދުރު ނަމާދު ކުރުން ވާޖިބުވާނެއެވެ.

އެހެންނަމަވެސް، އިމާމް މީހާގެ މައްޗަށް، ހުކުރަށް ހާޒިރުވާ މީހުންނަށްޓަކައި ހުކުރު ނަމާދު ގާއިމުކުރުން ވާޖިބުވާނެއެވެ.

މިއީ މި މައްސަލައިގައި ހުރި ދަލީލުތަކުގެ މެދުގައިވާ އެންމެ ފުރިހަމަ ގުޅުމެވެ.

ޢީދުލްފިޠުރަކީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމާއި، ދީނީ އިމުގެ ތެރޭގައި އުފާފާޅުކުރުމާއި، އަޅުކަންތަކުގެ ޒަރީޢާއިން އެކަލާނގެއާ ކުއްތަންވުމަށް ލިބޭ މަތިވެރި ފުރުޞަތެކެވެ. ދީނުގެ ފިޤުހު ފުރިހަމަވުމުގެ ތެރޭގައި، އޭގެ ޙުކުމްތަކާއި ސުންނަތްތައް ދެނެގަނެ، ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ މާތް ޞަޙާބީންގެ ކިބައިން ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުން ހިމެނެއެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައިވާ ޚިލާފުތަކާއި އިސްލާމީ ޝަރީޢަތުގެ ތަނަވަސްކަމަށް ރިޢާޔަތްކުރަންޖެހެއެވެ.

ލިޔުއްވީ: ޝައިޚް މުޙައްމަދު މަންޞޫރު އާދަމް

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢީދުލްފިޠުރު: އޭގެ ޙުކުމްތަކާއި، ސުންނަތްތަކާއި، ޢީދާއި ހުކުރު ދިމާވުމުން އަމަލުކުރާނެ ގޮތްރިޕޯޓް | 2 ގަޑިއިރު ކުރިންރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެޚަބަރު | މަހެއް ކުރިންއީދު ފާހަގަކުރުން: އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ވެއްޖެރިޕޯޓް | 9 މަސް ކުރިންއިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި އީދު ފާހަގަކުރުމަށް އެދިއްޖެޚަބަރު | 10 މަސް ކުރިން