އީރާނުން އިޒްރޭލުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ގޮއްވާލައިފި
19 މާރިޗު 2026 - 17:05

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ މުޅިން އާ ހަރުފަތަކަށް ގޮސް، އީރާނުން އިޒްރޭލުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާއަށް ވަރުގަދަ މިސައިލް ހަމަލާއެއް ދީފިއެވެ.
އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތައް ސީދާ އަމާޒުވެފައިވަނީ ހައިފާގައި ހުންނަ "ބަޒާން ގްރޫޕް" ގެ ފެސިލިޓީއަށެވެ.

Ad by Hajj Corporation
ހައިފާ ބޭ ސަރަހައްދުގައި ހުންނަ މި ކާރުޚާނާއަށް ދެވުނު ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ވަރަށް ބޮޑަށް ބޯ ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ހަމަލާގެ ސަބަބުން ހައިފާގެ ވަށައިގެންވާ ކްރަޔޮޓް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާގައި މިހާތަނަށް އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ކާރުޚާނާގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލެވެއެވެ.
ބަޒާން ގްރޫޕްގެ މި ކާރުޚާނާއަކީ އިޒްރޭލުގެ ހަކަތައިގެ ސަލާމަތަށް ނުހަނު މުހިންމު ތަނެކެވެ. މިއީ އެ ގައުމަށް ބޭނުންވާ ތެލުގެ ގާތްގަނޑަކަށް %50 އާއި %60 އާ ދެމެދުގެ މިންވަރެއް ފޯރުކޮށްދޭ، އިޒްރޭލުގެ ހަކަތައިގެ އެންމެ މުހިންމު އެއް މަރުކަޒެވެ.


