ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކޮށްފި
20 މާރިޗު 2026 - 03:08

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކޮށްފިއެވެ.
މިއަދު ހެނދުނު ފިޠުރު ޢީދު ނަމާދު ކޮށްފައިވަނީ ހެނދުނު 7:00ގައެވެ.
ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް މާލޭގެ ހަތަރު ސަރަަހައްދެއްގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ވަނީ ކޮށްފައެވެ. އެގޮތުން، މާފަންނު ސްޓޭޑިއަމް ސަރަޙައްދު، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމްއާ އިންވެގެން އޮންނަ ހުސްބިމުގައި މިއަދު ވަނީ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކޮށްފައެވެ. މީގެ ތެރެއިން މާލެ ބޮޑު ޖަމާއަތް (މާފަންނު ސްޓޭޑިއަމް) އާއި ވިލިމާލެ ބޮޑު ޖަމާއަތުގައި އިމާމުވެ ޢީދު ނަމާދުކޮށްފައިވަނީ ޒުވާން ދެ ޚަޠީބުންނެވެ.
މިއަދު މާލޭގައި ބޮޑުޖަމާޢަތުގައި ކުރި ޢީދު ނަމާދުގައި ގިނަ އަދަދެއްގެ ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. މާފަންނު ސްޓޭޑިއަމްގައި ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation
މާލޭ ސަރަޙައްދުގެ ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކާއި، ސިޓީތަކުގައިވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވެއެވެ. އަދި އާބާދީ ކުޑަ ބައެއް ރަށްތަކުގައި އެރަށެއްގައި ހުންނަ މިސްކިތްތަކުގައިވެސް ޢީދު ނަމާދު ވަނީ ކޮށްފައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ޢީދުނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވާއިރު ޢީދު ނަމާދަށްފަހު މުޅި ރާއްޖޭގައި ވަނީ ޢީދުގެ ހަރަކާތްތަކާއި ކުޅިވަރުތައް ފަށާފައެވެ. ޢީދު ނަމާދު ހުޅުވިފައިވާ މައިދާނެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަކީ ސުންނަތެކެވެ.
ޢީދުގެ ޝިޢާރުތަކުގެ ތެރެއިން އެންމެ މާތްވެގެންވާ ޝިޢާރަކީ ޢީދު ނަމާދެވެ. ފިޠުރު ޢީދު ނަމާދަކީ ޝަރުޢުވެގެންވާ ނަމާދެއް ކަމާމެދު ޢިލްމުވެރިންވަނީ އިޖުމާޢުވެފައެވެ. އެކަމުގެ ދަލީލަކީ الله سبحانه وتعالى ގެ ވަޙީ ބަސްފުޅެވެ.
﴿قَدْ أَفْلَحَ مَن تَزَكَّىٰ. وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ ﴾ މިއާޔަތާ މެދު الشيخ تقي الدين رحمه الله ވިދާޅުވެފައިވެއެވެ. [މިއާޔަތުގައި މާތް الله سبحانه وتعالى ވަނީ ނަމާދުގެ މައްޗަށް ޒަކާތް އިސްކުރަށްވާފަ އެވެ. އެހެން ކަމުން ސުންނަތަކީ ފިޠުރު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ނެރުމެވެ.] ހަމައެފަދައިން ޢީދު ނަމާދު ޝަރުޢު ވެގެންވާ ކަމުގެ މައްޗަށް ނަބިއްޔާ صلّى الله عليه وسلّم ގެ ސުންނަތުންވެސް ގިނަގުނަވެގެންވާ ދަލީލުތައް ވާރިދުވެގެން އައިސްފައިވެއެވެ.
އެ ނަބިއްޔާ صلّى الله عليه وسلّم އެންމެ ފުރަތަމަ ފިޠުރު ޢީދު ނަމާދު ކުރެއްވީ ހިޖުރައިން 2 ވަނަ އަހަރުގަ އެވެ. އެއަށްފަހު ޢީދު ނަމާދު ކުރުމުގެ މަތީގައި ސުވަރުގެވަޑައިގަތުމާ ހަމައަށް ދެމި ހުންނެވިއެވެ. އެނަބިއްޔާ صلّى الله عليه وسلّم އަށްފަހު 4 ޚަލީފާއިންވެސް މިކަމުގެ މަތީގައި ދެމިތިއްބެވި އެވެ. އެއްވެސް ޢީދެއްގައި ޢީދު ނަމާދުކޮށް ދޫކޮށްލިކަމަށް އެޞަޙާބީންގެ ފަރާތުން ސާބިތުވެފައެއް ނުވެ އެވެ.


