ސިނަމާލެ ފްލެޓުތަކާއި ލިފްޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
20 މާރިޗު 2026 - 03:49

މާލޭގައި ހުންނަ ސިނަމާލެ ފްލެޓުތަކާއި ލިފްޓުތައް މަރާމާތުކޮށް، ބަލަހައްޓާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރި އިއުލާނުގައި ވަނީ ސިނަމާލެ 1، 2، 3 އަދި 4ގެ ފްލެޓުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަންނަ ބުރާސްފަތި ދުވަހު މިކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު، އަގު ހުށަހަޅަން ޖެހެނީ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.

Ad by Hajj Corporation
ސިނަމާލެ ފްލެޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބައެއްގެ އިތުރުން އެ ފްލެޓުތަކާއި މާލެހިޔާ ފްލެޓުތަކުގެ ލިފްޓުތައް މަރާމާތުކޮށް، ސާވިސް ކޮށްދޭނެ ބަޔަކު ވެސް ބީލަން ހުށަހަޅަން ސިޓީ ކައުންސިލުން ވަނީ ފުރުސަތު ހުޅުވައިލާފައެވެ.
އިއުލާނުތަކުގައި ވަނީ މާލެހިޔާ އާއި ސިނަމާލެ ފްލެޓުތަކުގެ ލިފްޓުތައް ސާވިސްކޮށް، މަރާމާތުކޮށް ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު މައުލޫމާތު ސާފުކުރަން އެދިފައެވެ. އޭގެ ފަހުން، އަގު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.
ސިނަމާލެ އަދި މާލެ ހިޔާގެ ފްލެޓުތަކާއި ލިފްޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކުރިއިރު، ސަރުކާރުން ވަނީ އެ ފްލެޓުތައް ތަޅާލައި އާ އިމާރާތްތަކެއް އަޅަން ނިންމައިފައެވެ. ނަމަވެސް، އޭގެ އަމަލީ މަސައްކަތެއް އަދި ނުފަށައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ހިޔާ އާއި ސިނަމާލޭ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އެ ފްލެޓުތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ހާއްސަ އިނާޔަތްތަަކެއް ދެއްވަން ނިންމަވައިފައެވެ.
އެކި ސަބަބުތަކާ ހެދި މާލެހިޔާ/ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ ނުދެއްކޭ މީހުންގެ ޖޫރިމަނާ މާފުކޮށް، ފައިސާގެ އިނާޔަތެއް ދޭން ރައީސް ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.


